ޚަބަރު
ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ނައްތާލި ބަނގުރާތައް/ފޮޓޯ: ފުލުހުން
ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިތަކެތި ނައްތާލާފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި މި ބަނގުރާތައް ނައްތާލާފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 299 ފުޅި ބަނގުރަލާއި 193 ދަޅު ބިޔަރު ދަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.