ޚަބަރު
ޞިއްޙީ ޚިދުމަތް ހޯދަން އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭގޮތް ހަމަޖައްސަނީ

އާރްޓީއެލް ފެރީގެ ޚިދުމަތް/ފޮޓޯ: އެޓޯލް ޓައިމްސް
ޞިއްޙީ އެކިއެކި ޚިދުމަތްތައް ހޯދުމަށް ދާއިމީކޮށް އާރްޓީއެލް ފެރީގައި ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެގޮތް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް މިފަދައިން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިބްރާޙިމް ޔާސިރް ވިދާޅުވީ، ޢާންމުންގެ ޚިޔާލުތަކާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ބަދަލުތަކާ އެއްގޮތަށް އާރްޓީއެލް ފެރީގެ ޚިދުމަތަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދުމަށް ގަވާއިދުން ދަތުރުކުރަންމުން ގެންދަވާ ފަރާތްތަކަށް އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ޔާސިރް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ވުޒާރާއާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި އެމްޓީސީސީ ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން ފެށުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ދަނީ. ޚިދުމަތް ފެށުމާ ވަރަށް ގާތަށް އާދެވިފަ ވަނީ. ބީއެމްއެލް ޚާއްސަ ކާޑެއް ދޭނީ އެންސްޕާ މެދުވެރިކޮށް. އެ ކާޑް ބޭނުންކޮށްގެން، ބަލިމީހާއާއި އަދި އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ. ވަރަށް އަވަހަށް ޚިދުމަތް ފަށާނަން.
ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލްގެ ހައި ސްޕީޑް ފެރީގެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ދިނުމުގެ މަޤްޞަދުގައި ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ. އަދި މި ޚިދުމަތަކީ ޢާންމުންނަށް ބަރޯސާވެވޭ ފަދަ ލުއިފަސޭހަ ޚިދުމަތަކަށް ހެދުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.