ދުނިޔެ
ވިއެޓްނާމްގެ އުތުރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ތިން މީހުން މަރުވެ، ނުވަ މީހުން ގެއްލިއްޖެ

ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ވިއެޓްނާމްގައި ބޮޑުވެފައިވާ ފެންގަނޑު
ވިއެޓްނާމްގެ އުތުރުގައިވާ ފަރުބަދަ ކައިރީގެ ސަރަހައްދުތަކުގައި ފެންބޮޑުވެ، ތިން މީހުން މަރުވެ، ނުވަ މީހުން ގެއްލިފައިވާކަމަށް ކާރިސާ ބަލަހައްޓާ ފަރާތްތަކުން ބުނެފިއެވެ.
ސޮން ލާ، ފޫ ތޯ، ތުއެން ކުއާން، އަދި ޚާއްސަކޮށް ޑިއެން ބިއެން ޕްރޮވިންސަށް 30 ސެންޓިމީޓަރާ ހަމައަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ވަރަށްބޮޑަށް ފެންބޮޑުވެފައެވެ.

ވިއެޓްނާމުގައި ފެެންބޮޑުވެފައިވާ ހިސާބެއްގައި ބޯޓެއްގައި ބަޔަކު ދަތުރުކުރަނީ
އެޤައުމުގެ ކަމާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ޑިއެން ބިއެން ޕްރޮވިންސްގެ ޓިއާ ދިން އަދި ޒާ ޑުން ކޮމިއުނުގައި ތިން މީހުން މަރުވެފައިވާއިރު، ގެއްލިފައިވާ ނުވަ މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. ސަރުކާރުގެ މީޑިއާއިން ލޯކަލް އޮތޯރިޓީތައް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަތިހު 3:00 އިން ފެށިގެން ބޯކޮށް ވާރޭވެހި، ކުއްލިއަކަށް އެހާ ބޮޑަށް ފެންބޮޑުވާން މެދުވެރިވީ އުސްތަންތަނުން އަންނަ ފެނުގެ ސަބަބުންނެވެ. ބައެއް އަވަށްތައް ފެނުގެ އަޑީގައިވާ ކަމަށާއި، ހުކުރު ދުވަހު މެންދުރުފަހު ވެސް އެ ތަންތަނަށް ނުވަދެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ހަފުތާ ބަންދުގައި ވެސް ސޮން ލާ ޕްރޮވިންސުގައި ފެންބޮޑުވުން ކުރިމަތިވެ، ފަސް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެފަހަރު ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ލިބި، ކުކުޅުހާލާއި ގެރިބަކަރި ފަދަ ތަކެތި ފެނާއެކު ވަނި މަރުވެގޮސްފައެވެ.
ވިއެޓްނާމް މިހާރު އޮތީ އެންމެގަދައަށް ތޫފާންއަންނަ މޫސުމުގައެވެ. މި މޫސުމުގައި ގިނައިން ބޮޑެތި ގެއްލުންތައް ލިބޭ ފެންބޮޑުވުމުގެ ކާރިސާތަކާއި ބިންގަނޑު ކަނޑައިގެން ދިއުން ކުރިމަތިވެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި، އިންސާނުންގެ ބައެއް އަމަލުތަކުގެ ސަބަބުން ކުރިމަތިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫސުމީ ހާދިސާތައް އިތުރަށް ގޯސްވެ، އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ފެންބޮޑުވުމުގެ ޙާދިސާ އިތުރުވުމުގެ ފުރުސަތު ބޮޑެވެ. މިސާލަކަށް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުތުރު ވިއެޓްނާމަށް ތޫފާން ޔާގީ އަރައި، 345 މީހުން މަރުވެފައިވާއިރު، އިގްތިސާދީ ގޮތުން 3.3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.