ދުނިޔެ
ނަތަންޔާހޫ އަށްގެއްލެމުންދާ ތާއީދު އަނބުރާ ހޯދުމަށް އެއްފަހަރާ ދެޕްލޭނެއްގެ މަސައްކަތް ފަށައިފި

ނަތަންޔާހޫ
އިސްރާއީލުގެ ވެރިކަމުގެ ކޯލިޝަން ރޫޅިގެން ދިޔަނުދިނުމަށާއި ގެއްލެމުންދާ ތާއީދު އަނބުރާ ހޯދުމަށް އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގައި ދެ ޕްލޭނެއް އެއްފަހަރާ ތަންފީޒުކުރަން ފަށާފައެވެ.
އެއީ އެތައްހާސް ފަލަސްތީނު ރައްޔިތުން ބޭރު ޤައުމުތަކަށް ހިޖުރަކުރުވުމާއި، ޣައްޒާގެ އުތުރުގައި އިސްތރާއިލްގެ އާއިލާތައް ގާއިމުކުރުމެވެ.
ޔަދީޢޫތު އަހްރޫނޫތުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިކަމަކީ ކުރީގައި ހަމައެކަނި ހިޔާލެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް، މިހާރު ނަތަންޔާހޫ ވަނީ މި މަޝްރޫޢު ތަންފީޒުކުރުމަށް ޢަމަލީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
މީގެ ތެރޭގައި، ހަފްތާއަކު އެއްފަހަރު މޯސާދުގެ އިސްވެރިންނާއި، ޚާރިޖިއްޔާ ވުޒާރާގެ އިސްވެރިންނާއި އެހެނިހެން ފަރާތްތަކާއެކު ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.
ސިޔާސީ މުހައްލިލު އިތްމާރު އައިޚްނަރު ބުނާ ގޮތުގައި، ނަތަންޔާހޫ ވަނީ މޯސާދުގެ ވެރިޔާ ދޭވިދު ބަރުނީޢަށް، ފަލަސްތީނު މުހާޖިރުން ބަލައިގަތުމަށް ކެންޑިޑޭޓު ޤައުމުތަކާއެކު މަޝްވަރާތައް އިތުރުކުރުމަށް އަންގާފައެވެ. އަދި މި ޤައުމުތަކަށް ހިތްވަރުދިނުމަށް އެމެރިކާގެ އެހީތެރިކަން ހޯދުމަށްވެސް އެދިފައިވެއެވެ.
މިހާތަނަށް ފަސް ޤައުމަކާއެކު އިބްތިދާއީ އެއްބަސްވުންތަކަކަށް ވާސިލުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މި ޤައުމުތަކުގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ. އައު ޕްލޭންގައިވާ ގޮތުން، ކުރިން ރޭވިފައިވާ ގޮތަށް މިޞްރުގެ ތެރެއިން ދިއުމުގެ ބަދަލުގައި، މުހާޖިރުން ނަގުލުކުރެވޭނީ އިސްރާއީލު މެދުވެރިކޮށް އުރުދުންނަށެވެ.
ނަތަންޔާހޫގެ ސަރުކާރުގެ އިސް ވެރިއެއް ބުނެފައިވާ ގޮތުގައި "ރަޣުބަތުގައި ހިޖުރަކުރުމުގެ" މައްސަލައަކީ ކުރިން ހަމައެކަނި ހިޔާލާތުގައި އޮތް ކަމެއް ނަމަވެސް، މިހާރު އެއީ ޢަމަލީ ތައްޔާރީތައް ކުރެވެމުންދާ ކަމެކެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި އެތައް ހާސް ފަލަސްޠީނު މީހުން އެމީހުންގެ ބިމުން ބޭރުކުރެވިގެން ދާނެއެވެ.