ދުނިޔެ

ރޭ ފަތިހުން ފެށިގެން މިވަގުތާއި ހަމައަށް ޣައްޒާއިން 22 މީހަކު ޝަހީދުކޮށްލައިފި

ރޭ ފަތިހުން ފެށިގެން މިވަގުތާއި ހަމައަށް ޣައްޒާއިން 22 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގައި އަނިޔާވި މީހަކު އުފުލަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖުލައި 2025، 11:09

30 ޖުލައި 2025، 11:09

ރޭ ފަތިހުން ފެށިގެން މިވަގުތާއި ހަމައަށް ޣައްޒާގައި 22 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ކާބޯތަކެތި ހޯދަން ގޮސްތިބި 16 މީހަކުވެސް ހިމެނޭކަަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

މި ވަގުތު ޣައްޒާގައި ކާބޯތަކެތީގެ ތަދުމަޑުކަން އިންތިހާއަށް ގޮސް، އިތުރު ފަލަސްތީނު ރައްޔިތުންގެ ފުރާނަ ގެއްލެމުންދާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. 

ޣައްޒާ ސިޓީގެ ބެޕްޓިސްޓް ހޮސްޕިޓަލްގެ މެޑިކަލް ސޯސްއަކުން ބުނާގޮތުގައި ޣައްޒާ ސިޓީގެ އޯލްޑް ސިޓީގައި ހުންނަ ލެޓިން މޮނާސްޓަރީ ކައިރީގައި ތިބި ފަލަސްތީނުންގެ ގްރޫޕަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޒުވާނަކު ޝަހީދުވެ، އިތުރު ބަޔަކަށް ޒަޚަމްތަކެއް ލިބިފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން އެކަކުގެ ހާލަތު ނުރައްކާތެރި ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ކާނާވިހަވުން ފަދަ ކަންކަމުގެ ސަބަބުން 7 މީހުން ވަނީ ދުނިޔެ ދޫކޮށްފައެެވެ. މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން ނިޔާވި މީހުންގެ އަދަދު 154 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރޭގައި 89 ކުޑަކުދިން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިސްރާއީލްގެ އަނިޔާވެރި ޢުދުވާނުގެ ސަބަބުން 7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް 60,138 ފަލަސްތީނު މީހުން ޝަހީދުވެ، 146,269 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 104 ޝަހީދުންނާއި 399 ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވެއެވެ.

އެހީ ހޯދަން އުޅުނު މީހުންގެ ތެރެއިން 27 މާރިޗު 2024 އިން ފެށިގެން މިހާތަނަށް 1,239 މީހުން ޝަހީދުވެ، 8,152 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން