ދުނިޔެ
ހުޅަނގު އައްސޭރީގައި އިސްރާއިލްގެ ޢަސްކަރިއްޔާއިން ހިންގަމުންދަނީ ޓެރަރިޒަމްގެ ޢަމަލުތަކެއް: ފްރާންސްގެ ޚާރިޖިއްޔާ

އިސްރާއިލްގެ ޔަހޫދީންތަކެއް ހުޅަނގުއައްސޭރީގައި
އިސްރާއީލްގެ ޢަސްކަރިއްޔާއިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ ޓެރަރިޒަމްގެ ޢަމަލުތަކެއް ކަމުގައި ފްރާންސްގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ކަނޑައަޅައިފިއެވެ.
މިއީ އިސްރާއީލްގެ ޢަމަލުތަކާ މެދު ފްރާންސްގެ ޑިޕްލޮމެޓިކް ދާއިރާއިން މިފަދަ ބަހެއް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
ފްރާންސްގެ ޚާރިޖީ ވުޒާރާގެ ސްޕޯކްސްޕަރސަން ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ އިހްތިޖާޖީ ހަރަކާތްތެރިއެއް ކަމުގައިވާ އައުދާ އަލް-ހަދާލީން މަރާލި މައްސަލައާއި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އެހެނިހެން އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި މިފަދަ އަނިޔާވެރި ޢަމަލުތަކަކީ ޓެރަރިޒަމްގެ ޢަމަލުތަކެއް ކަމުގައި ވިދާޅުވިއެވެ.
ޚާރިޖީ ވުޒާރާގެ ފަރާތުން އިތުރަށް ވިދާޅުވި ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ޔަހޫދީންގެ އަތުން 30 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި އަނިޔާވެރި ޢަމަލުތައް ހުއްޓުވައި، ކުށްވެރިން ޢަދުލުގެ ކުރިމައްޗަށް ގެނައުމަށާއި، ފަލަސްތީނު މަދަނީ ރައްޔިތުން ރައްކާތެރިކުރުމަށް އިސްރާއީލު ސަރުކާރަށް ގޮވާލައްވާފައިވެއެވެ.
އެންމެ ފަހުން ހިންގި އަނިޔާވެރިޢަމަލުތަކުގައި، އޮސްކާ އެވޯޑް ލިބިފައިވާ ޑޮކިއުމެންޓްރީއެއްގައި ބައިވެރިވެފައިވާ އައުދާ އަލް-ހަދާލީން ވަނީ ހެބްރޯންގެ އުއްމުލް ހައިރު ސަރަހައްދުގައި އިސްރާއީީލްގެ ޔަހޫދީއެއްގެ އަތުން ޝަހީދުވެފައެވެ. އޭނާއަކީ ތިން ކުދިންގެ ބައްޕައެކެވެ.
ފަލަސްތީނު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ފުރަތަމަ ބައިގައި އެކަނި ހުޅަނގު އައްސޭރީގައި ސެޓްލަރުން 2,153 އަނިޔާވެރި ޙަމަލާ ދީފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި ފަލަސްތީނުގެ 7 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޔަހޫދީންގެ އަތުން ފަލަސްތީނުގެ 29 މީހުން ވަނީ ޝަހީދުވެފައެވެ.