ސައިންސް / ދުނިޔެ
އޭއައިގެ ކުރިމަގު: ގިނަ ވަޒީފާތަކެއް ގެއްލި، ބައެއް ދާއިރާތައް ނެތިދާނެ ކަމަށް އޯޕަންއޭއައިގެ ސީއީއޯ ވިދާޅުވެއްޖެ

އޯޕަންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން
މިހާރު ދުނިޔޭގައި އެންމެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީ އުފެއްދި ކުންފުނި، އޯޕަންއޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވި ގޮތުގައި، އޭއައިގެ ކުރިމަގުގައި ވަރަށް ގިނަ އަދަދެއްގެ ވަޒީފާތައް ގެއްލިގެންދާނެއެވެ. ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވުމުން، ވަކިވަކި މަސައްކަތްތަކާއި ދާއިރާތައް މުޅިން ނެތިގެންދާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.
އިއްޔެ ދެއްވި ބަސްދީގަތުމެއްގައި އޯލްޓްމަން ޤަބޫލުކުރެއްވި ގޮތުގައި ކުރިއަށް އޮތީ ކޮންކަހަލަ ދުވަސްވަރެއްކަން އެއްވެސް މީހަކަށް ހަމަޔަށް އެނގިފައެއް ނުވެއެވެ. އޭނާ ވިދާޅުވީ "ވަރަށް ގިނަ ލަފާކުރުންތައް ކުރެވެމުން އެބަދޭ. ބައެއްމީހުން ބުނަނީ ވަކިވަކި ކުންފުނިތައް ނެތިގެންދާނެއޭ، މިކަން މިއީ ކޮންމެ ސިސްޓަމަކަށްވެސް މުޅިން ލަފާކުރެވޭވަރަށްވުރެ މައްޗަށް ދާ ކަމެއް، މިއީ ވަރަށް އާ ޓެކްނޮލޮޖީއެއް ކަމުން، ލަފާކުރުން ވަރަށް އުނދަގޫ ވާނެ" ކަމަށެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި "ބައެއް ދާއިރާތައް މުޅިން ނެތިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ." ޚާއްސަކޮށް އޭނާ ފާހަގަކުރެއްވީ ކަސްޓަމަރ ސަޕޯޓްގެ ދާއިރާއެވެ. މި ދާއިރާއަށް މިހާރުވެސް އޭއައިގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. "މިއީ އެހީތެރިކަމަށް ބަލާއިރު އޭއައިއެއް ޖަވާބުދީ، ވަރަށް ބުއްދިވެރި އަދި ކުޅަދާނަ މީހަކާ ވާހަކަ ދައްކާފަދަ އިހުސާސެއް ކުރެވޭ ދާއިރާއެއް،" އޭނާ ވިދާޅުވިއެވެ.
ޗެޓްޖީޕީޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޯލްޓްމަން ދަޢުވާކުރެއްވީ، ބަލިތައް ދެނެގަތުމުގެ ގާބިލުކަން އޭއައިއަށް އިންސާނީ ގިނަ ޑޮކްޓަރުންނަށްވުރެ މިހާރު މަތިވެފައިވާ ކަމަށެވެ.
މިހާރު ޗެޓްޖީޕީޓީއަށް ދުނިޔޭގެ ގިނަ ޑޮކްޓަރުންނަށްވުރެ ބަލިތައް ރަނގަޅަށް ދެނެގަނެވޭނެ
އޯލްޓްމަން
އޭނާ މި ވާހަކަތައް ދެއްކެވިއިރު، 2025 ވަނަ އަހަރުގެ ޖޫން މަހު އޯލްޓްމަން ބްލޮގް ޕޯސްޓެއްގައި ލިޔުއްވާފައިވަނީ، އިންސާނުންނެކޭ އެއްގޮތަށް ވިސްނާ ފިކުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އޭއައިގެ ބާވަތެއް ކަމަށްވާ އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި) ކަށަވަރު ކަމަށާއި، މިއީ ވަރަށް އަވަހަށް ދުނިޔެ ބަދަލުކޮށްލާނެ އެއްޗެއް ކަމަށެވެ.