ދުނިޔެ

ނިއުޔޯކްގައި ދިންބަޑީގެ ހަމަލާއެއްގައި ފުލުހެއްގެ އިތުރުން 5 މީހުން މަރުވެއްޖެ

ނިއުޔޯކްގައި ދިންބަޑީގެ ހަމަލާއެއްގައި ފުލުހެއްގެ އިތުރުން 5 މީހުން މަރުވެއްޖެ

ބަޑީގެ ހަމަލާދިން ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖުލައި 2025، 04:09

29 ޖުލައި 2025، 04:09

ނިއުޔޯކް ސިޓީގެ މިޑްޓައުން މެންހެޓަންގައި ހުރި އޮފީސް އިމާރާތެއްގައި ހިނގި ބަޑިޖެހުމެއްގައި ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ) ގެ އޮފިސަރަކާއި ބަޑިޖެހި ފަރާތް ހިމެނޭ ގޮތަށް މަދުވެގެން 5 މީހުން މަރުވެއްޖެއެވެ. 

މި އިމާރާތަކީ މުހިންމު މާލީ އިދާރާތަކާއި ނެޝަނަލް ފުޓްބޯޅަ ލީގް (އެންއެފްއެލް) ގެ ހެޑްކއޯޓަރސް ހިމެނޭ އިމާރާތެކެވެ.

ނިއުޔޯކް ސިޓީ ޕޮލިސް ކޮމިޝަނަރ ޖެސިކާ ޓިޝް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހުގެ ރޭ 345 ޕާކް އެވެނިއުގައި ހިނގި މި ހާދިސާއަކީ އަދިވެސް ތަހުޤީޤު ކުރެވެމުންދާ މައްސަލައެކެވެ. ސެކިއުރިޓީ ކެމެރާ ފުޓޭޖުން ދައްކާ ގޮތުގައި ބަޑިޖަހަން އައި ފިރިހެނާ ވަނީ އެމް4 ރައިފަލްއެއް ހިފައިގެން އިމާރާތުގެ ލޮބީއަށް ވަދެ، ވަނުމާއެކު އެންވައިޕީޑީގެ އޮފިސަރަކަށް ބަޑިޖަހާފައެވެ.

ކޮމިޝަނަރ ޓިޝް ވިދާޅުވި ގޮތުގައި، އޭގެ ފަހުން ބަޑިޖެހި ފަރާތުން ވަނީ ގްރައުންޑް ފްލޯގައި ހުރި އަންހެނަކާއި ސެކިއުރިޓީ އޮފިސަރެއް މަރާލުމަށްފަހު، 33 ވަނަ ފަންގިފިލާއަށް ގޮސް އިތުރު ފިރިހެނަކަށް ބަޑިޖަހާފައެވެ. އަދި އެހެން އެއް ފަރާތެއް ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ބަޑިޖެހި ފަރާތަކީ ލަސްވޭގަސްގެ އެޑްރެހެއް ދީފައިވާ 27 އަހަރުގެ ޝޭން ޓަމުރާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވި އެންވައިޕީޑީގެ އޮފިސަރަކީ ދެ ކުދިންގެ ބައްޕައެއް ކަމަށްވާ 36 އަހަރުގެ ދިދާރުލް އިސްލާމްއެވެ. ނިއުޔޯކްގެ މޭޔަރ އެރިކް އެޑަމްސް ވިދާޅުވި ގޮތުގައި އޮފިސަރ އިސްލާމްއަކީ ބަންގްލަދޭޝްގެ އިމިގްރަންޓެއް ކަމަށާއި، އޭނާގެ އަނބިމީހާ މިވަގުތު އިނީ ތިންވަނަ ދަރިފުޅަށް ބަަނޑުބޮޑުވެފައި ކަމަށެވެ.

 "އަޅުގަނޑުމެން އަދިވެސް މި ހާދިސާ ހިނގި ގޮތް ސާފުކުރަމުން މި ދަނީ، އަދި އަޅުގަނޑުމެންގެ ހިތްތައް ވަނީ ހިތާމައިން ބަރުވެފައި،" މޭޔަރ އެޑަމްސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގި އިމާރާތަކީ ދުނިޔޭގެ އެންމެ ބޮޑު ހެޖް ފަންޑް ކަމަށްވާ ބްލެކްސްޓޯން، ކޭޕީއެމްޖީ، ޑޮއިޗެ ބޭންކް އަދި އެންއެފްއެލްގެ ހެޑްކއޯޓަރސް ހިމެނޭ އިމާރާތެކެވެ. މި އިމާރާތް ހުރީ ރޮކްފެލަރ ސެންޓަރާ ކައިރީގައި، ސެންޓްރަލް ޕާކުގެ ދެކުނުން ބްލޮކްތަކެއް ދުރުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން