ދުނިޔެ
ޣައްޒާގެ ހަނގުރާމަ ނިންމާލުމަށް މިޞްރުގެ ރައީސް ޓްރަމްޕަށް ގޮވާލައްވައިފި

އެމެރިކާގެ ރައީސް ޓްރަމްޕް އަދި މިޞްރުގެ ރައީސް ސީސީ
މިޞްރުގެ ރައީސް، ޢަބްދުލް ފައްތާހު އައް-ސީސީ، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަސް ގޮވާލައްވައިފިއެވެ.
ސީސީ ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި، ހިޞާރުކުރެވިފައިވާ ފަލަސްތީނުގެ ސަރަޙައްދަށް އެހީ ވައްދަން ޙުއްދަ ދިނުމަށް ޚާއްޞަ ގޮތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވައިލައްވައިފިއެވެ.
"އަޅުގަނޑު މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކަށް، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް، އެމެރިކާއަށް އަދި ޢަރަބި ސަރަޙައްދުގެ އަޚުންނަށް ގޮވާލަން، މި އުނދަގޫ ދަނޑިވަޅުގައި ހަނގުރާމަ ހުއްޓުވުމަށާއި، އެހީ ފޯރުކޮށްދިނުމަށް. މި ހިތާމަވެރި ޙާލަތު ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ." މިޞްރުގެ ޓީވީ މެދުވެރިކޮށް ދެއްކި ވާހަކަފުޅެއްގައި ސީސީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސީސީ ވިދާޅުވީ، ރައީސް ޓްރަމްޕަށް ޚާއްޞަކޮށް މިގޮތައް ގޮވާލުމެެއް ގޮވާލަނީ އެއީ އެ މަނިކުފާނަށް ކުރާ އަމިއްލަ އިހްތިރާމާއި، އެ މަނިކުފާނުގެ ޤާބިލުކަމާއި، މަޤާމުގެ ސަބަބުން، ހަނގުރާމަ ހުއްޓުވައި، އެހީ ވެއްދުމަށް އަދި މި ޙާލަތު ނިމުމަކަށް ގެނައުމަށް އެންމެ ކުޅަދާނަ ފަރާތަކީ އެމަނިކުފާނު ކަމަށްވާތީ ކަމަށެވެ.
މިޞްރުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ ޢަދަދެއްގެ އެހީގެ ޓްރަކުތައް ރަފާ ބޯޑަރު މަގުން ވަނުމަށް ތައްޔާރަށް ތިބިކަމަށާއި، އެކަމަކު ފަލަސްތީނު ފަރާތުން ބޯޑަރު ހުޅުވިފައި އޮންނަން ޖެހޭނެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 60،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 145،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނު އަދި ބައިނަލްއަޤްވާމީ ރިޕޯޓުތަކުން ދައްކައެވެ. މީގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމައިން ފެށިގެން ފެނިފައިނުވާ ވަރުގެ ގެއްލުން ޣައްޒާއަށް ލިބިފައިވާ ކަމަށްވެސް މި ރިޕޯޓުތަކުން ފާހަގަކުރެއެވެ.