ދުނިޔެ

ތުރުކީގައި ރޯވެފައިވާ އަލިފާންގަނޑު އެޤައުމުގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީއާ ހަމައަށް ވާސިލްވަނީ

ތުރުކީގައި ރޯވެފައިވާ އަލިފާންގަނޑު އެޤައުމުގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީއާ ހަމައަށް ވާސިލްވަނީ

ތުރުކީގައި އަލިފާން ނިއްވުމަށް މަސައްކަތްކުރާ ފަޔަރފައިޓަރުން މަސައްކަތުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖުލައި 2025، 04:46

28 ޖުލައި 2025، 04:46

ތުރުކީގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުންގޮސް އެޤައުމުގެ ހަތަރުވަވަނައަށް އެންމެ ބޮޑު ސިޓީއާ ހަމައަށް ވާސިލްވަމުންދާކަަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފިއެވެ.

ތުރުކީގެ ބުރުސާ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 3،500 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތްތެރި ތަންތަނަށް ބަދަލުކޮށްފައެވެ. މިހާރުވެސް އެ ސަރަހައްދުގައި 24 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ރޯވަމުންދާ ދެ އަލިފާން ނިއްވުމުގެ މަސައްކަތް ފަޔަރ ފައިޓަރުން ދަނީ ކުރަމުންނެވެ.

ތުރުކީގެ ދަނޑުވެރިކަމާއި ފޮރެސްޓްރީ މިނިސްޓަރު އިބްރާހިމް ޔުމަކްލީ ވިދާޅުވި ގޮތުގައި 3،515 މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި އާދިއްތަ ދުވަހު ވައި ގަދަވެފައި ވަނިކޮށް އަލިފާން ނިއްވުމުގެ މަސައްކަތުގައި 2،300 ފަޔަރ ފައިޓަރުންނާއި ސަލާމަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ.

އެ ސަރަހައްދުގައި 850 އަށް ވުރެ ގިނަ އުޅަނދާއި، 6 މަތިންދާބޯޓާއި، 4 ހެލިކޮޕްޓަރު ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއާ ހަމައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރ ފައިޓަރެއް ހާޓް އެޓޭކް އައިސްގެން ނިޔާވެފައިވެއެވެ. އަދި އާދިއްތަ ދުވަހު އަލިފާން ނިއްވުމަށް ބޭނުންކުރި ޓޭންކަރެއް އެކްސިޑެންޓްވެގެން އިތުރު 3 މީހަކު ނިޔާވެފައިވާ ކަމަށް ބުރުސާ ޕްރޮވިންސްއިން ބުނެފައިވެއެވެ.

ޖޫން މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ތުރުކީގެ ހުޅުގައި މަރުވެފައިވާ މީހުންގެ އަދަދު 17 އަށް އަރާފައިވެއެވެ. މީގެ ތެރޭގައި އެސްކިޝެހިރު ސިޓީގައި ރޯވި އަލިފާނުގައި ނިޔާވި 10 ރެސްކިއު ވޮލަންޓިއަރުންނާއި ފޮރެސްޓްރީ މުވައްޒަފުން ހިމެނެއެވެ.

ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވި ގޮތުގައި މި ހޫނު މޫސުމުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާ ވަނީ ކޮންޓްރޯލްކުރެވިފައެވެ. އަދި ހޫނުގަދަވުމާއި ހަނަފަސްކަމުގެ ސަބަބުން އަލިފާނުގެ ނުރައްކާ އޮކްޓޫބަރު މަހާ ހަމައަށް ދެމިގެންދާނެ ކަމަށް އިންޒާރު ދެއްވާފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން