ދުނިޔެ

ޣައްޒާގެ އެއްއަހަރުން ދަށުގެ 40،000 ކުދިން ހައިހޫނުކަމުގެ ސަބަބުން މަރުގެ ތުންފަތްމަތީގައި

ޣައްޒާގެ އެއްއަހަރުން ދަށުގެ 40،000 ކުދިން ހައިހޫނުކަމުގެ ސަބަބުން މަރުގެ ތުންފަތްމަތީގައި

ޣައްޒާގެ ތުއްތު ކުއްޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖުލައި 2025، 04:15

28 ޖުލައި 2025، 04:15

އިސްރާއީލުގެ ހިޞާރުގެ ސަބަބުން އެއް އަހަރުން ދަށުގެ 40،000 އަށްވުރެ ގިނަ ކުޑަކުދިން މަރުގެ ތުންފަތްމަތީގައި ވާކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އިންޒާރު ދީފިއެވެ.

 ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވަނީ މިޙާލަތު މެދުވެރިވެފައިވަނީ ކުޑަކުދިންގެ ކިރު ޣައްޒާއަށް ވެއްދުން މަނާކޮށްފައިވުމުގެ ސަބަބުން ކަމަށެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވަނީ، 150 ދުވަހަށްވުރެ ގިނަ ދުވަހު ކުޑަކުދިންގެ ކިރު ވެއްދުން މަނާކޮށްފައިވުމުގެ ސަބަބުން، މަދުވެގެން ދިހަހާސް ކުޑަކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި މިއީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިވެފައިނުވާ ފަދަ އިންސާނީ ކާރިސާއެއް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

ޔުނިސެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ހުރިހާ ރައްޔިތުން ވެސް މިވަގުތު ބަނޑުހައިހޫނުކަމުގައި ތިބި ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑަށް އަސަރުކުރަނީ ކުޑަކުދިންނަށް ކަމަށެވެ. އިސްރާއީލުގެ ހިޞާރުގެ ސަބަބުން މިކަން މިހާ ގޯސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުގެ 5 ޔުނިވަރސިޓީއެއްގެ ވެރިން ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ޣައްޒާގައި މިވަގުތު ކުރިމަތިކޮށްފައިވާ "ނުރައްކާތެރި ބަނޑުހައިހޫނުކަން" ނިމުމަކަށް ގެންނަން އެދިފައެވެ. މީގެ އަސަރު އާންމު ރައްޔިތުންނާއި ކުޑަކުދިންނަށް ކުރަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 204،000 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 9،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން ސަތޭކަ ހާހުގެ އަދަދަކަށް މީހުން ވަނީ ނިކަމެތި ހާލުގައި ޖެހި، ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މަރުވެފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން