ދުނިޔެ

ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ތައިލެންޑް ކެމްބޯޑިއާ ހަމަނުޖެހުމާއި ގުޅިގެން ކުރިއަސް ދިޔަ މަޝްވަރާގެ ތެރެއިން ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 03:56

28 ޖުލައި 2025، 03:56

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިއްޔެ އިޢުލާން ކުރެއްވި ގޮތުގައި، ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމާއެކު، ދެ ޤައުމުގެ ބޯޑަރުގައި ފަސް ދުވަހަށް ދެމިގެންދިޔަ ހަމަނުޖެހުން ނިމުމަކަށް ގެނެވޭނެއެވެ. މި ހަނގުރާމަ ހުއްޓާލުމުގެ އަމުރު ބޯޑަރު ސަރަހައްދުގައި ހިނގާނީ ޖުލައި 28، 2025 ގެ ރޭ މެންދަމުން ފެށިގެންނެވެ.

މެލޭޝިއާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ، "ކެމްބޯޑިއާއާއި ތައިލެންޑު ވަނީ މިފަދަ އާންމު އެއްބަސްވުމަކަށް އައިސްފަ: އެކެއް، ޖުލައި 28، 2025 ގެ ރޭ މެންދަމުން ފެށިގެން، ވަގުތުން އަދި އެއްވެސް ޝަރުތަކާ ނުލައި ހަނގުރާމަ ހުއްޓާލުން."

މެލޭޝިއާގެ އިދާރީ ވެރިކަން ކުރާ ސިޓީ، ޕުތުރަޖާޔާގައި ހުންނަ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ރެސިޑެންސީގައި ބޭއްވި މި ބައްދަލުވުމުގައި، ސަރަހައްދީ ޖަމާޢަތް އާސިއާންގެ ޗެއަރ، މެލޭޝިއާގެ ބޮޑުވަޒީރުގެ އިތުރުން، އެމެރިކާއާއި ޗައިނާގެ މެލޭޝިއާގައި ހުންނަ ސަފީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރަހައްދީ އަވަށްޓެރި ދެ ގައުމުގެ މެދުގައި ދިގުދެމިގެންދިޔަ މި ހަނގުރާމައަކީ ފަހުގެ  ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ގަދަފަދައަށް ހިނގި ހަމަނުޖެހުމެވެ. ދެ ޤައުމުންވެސް ތުހުމަތު ކުރަނީ، ހަނގުރާމަ ފެށީ އަނެއް ޤައުމުން ކަމަށާއި، 817 ކިލޯމީޓަރުގެ ބޯޑަރު ސަރަހައްދުގެ އެކި ތަންތަނަށް ބޮޑެތި ބަޑީގެ ހަމަލާތައް ދީގެން ހަމަނުޖެހުން އިތުރުކުރީ އަނެއް ޤައުމުން ކަމަށެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނެޓް ކުރިން ވިދާޅުވީ، މި މަޝްވަރާތައް އިންތިޒާމު ކުރީ މެލޭޝިއާއާއި އެމެރިކާ ގުޅިގެން ކަމަށާއި، ޗައިނާވެސް މި މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށެވެ. ޓްރަމްޕް އާދިއްތަ ދުވަހު ވިދާޅުވީ، ދެ ގައުމުގެ ވެރިންނަށް ހަނގުރާމަ ހުއްޓާލުމަށް އަންގާފައިވާ ކަމަށާއި، ހަނގުރާމަ ނުހުއްޓާނަމަ އެއްވެސް ވިޔަފާރި އެއްބަސްވުމެއް ނުހަދާނެ ކަމަށް ވިދާޅުވުމުން، ދެ ގައުމުންވެސް އެމީހުންގެ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، މަޝްވަރާތައް ފެށުމުގެ ކުރިން ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗެއަޗައި ވިދާޅުވީ، ކެމްބޯޑިއާގެ އިޚްލާސްތެރިކަމާމެދު ޝައްކުތަކެއް ހުރި ކަމަށެވެ. "އަޅުގަނޑުމެން ކެމްބޯޑިއާ އަށް އިތުބާރެއް ނުކުރަން، އެމީހުންގެ އަމަލުތަކުން މިހާތަނަށް ދައްކަނީ މައްސަލަ ހައްލުކުރުމުގައި އިޚްލާސްތެރިކަމެއް ނެތްކަން،" އޭނާ މެލޭޝިއާއަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް ވިދާޅުވިީ "ކެމްބޯޑިއާއިން ވަނީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފުވެފަ، ނަމަވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ އަމާންކަން ދެކެން. ރައްޔިތުންނަށް އަސަރު ކުރާނެ ގަދަފަދަ އަމަލުތަކެއް ދެކެން އެއްވެސް މީހަކު ބޭނުމެއް ނުވޭ"

ކެމްބޯޑިއާއިން ވަނީ ތައިލެންޑުން އެމީހުންގެ އާންމުންގެ ތަންތަނަށް ހަމަލާދޭ ކަމަށް ކުރާ ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކޮށްފައެވެ. އަދި އޭގެ ބަދަލުގައި ތައިލެންޑުން ވަނީ ބޯޑަރު ސަރަހައްދުގައި އެއްވެސް ކުށެއް ނެތް އާންމުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ލާފައި ކަމަށް ބުނެފައެވެ. ކެމްބޯޑިއާއިން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައި ވަނީ، ތައިލެންޑުގެ މި ޢުދުވާނީ ޢަމަލުތައް ކުށްވެރިކުރުމަށެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ފަހުގެ ދުވަސްތަކުގައި ހަމަނުޖެހުންތައް އިތުރުވެފައިވަނީ މިދިޔަ މެއި މަހުގެ ފަހުކޮޅު ކެމްބޯޑިއާގެ ސިފައިންގެ މީހަކު  ހަމަނުޖެހުމެއްގައި މަރުވުމަށްފަހުއެވެ. މިކަމުގެ ސަބަބުން ދެ ފަރާތުގެ ބޯޑަރު ސިފައިން ވަނީ އިތުރުކޮށްފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ތައިލެންޑުގެ ސަރުކާރުވެސް ވަނީ ބިރު ދައްކާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން