ދުނިޔެ

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ހަނގުރާމަ ކުރިއަށް : 10 އަހަރަށްފަހު ވަރުގަދަ ކުރިމަތިލުންތަކެއް

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ހަނގުރާމަ ކުރިއަށް :  10 އަހަރަށްފަހު ވަރުގަދަ ކުރިމަތިލުންތަކެއް

ހަނގުރާމަ ކުރާ ސަރަޚައްދުތަކުގައި އުޅޭ މީހުންނަށް ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 04:01

26 ޖުލައި 2025، 04:01

ތައިލެންޑާއި ކެމްބޯޑިއާ ސިފައިންނާ ދެމެދު ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތައް ތިންވަނަ ދުވަހަށް ދިގުދެމި، މިދިޔަ ދިހަ އަހަރުގެ ތެރޭގައި ދެގައުމު ދެމެދު ހިނގާ އެންމެ ހަމަނުޖެހުން ބޮޑު ކުރިމަތިލުމަށް ވެއްޖެއެވެ. ހުއްޓުމަކަށް ގޮވާލާފައިވީ ނަމަވެސް، ހޮނިހިރު ދުވަހުވެސް ބަޑީގެ ހަމަލާތައް ވަރުގަދަކޮށް ހިނގާފައިވާ އިރު، އަލަށް އިތުރު ސަރަހައްދުތަކަށް ހަމަލާތައް ފެތުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް މި ހަމަނުޖެހުންތަކުގައި މަދުވެގެން 30 މީހުން މަރުވެފައިވެއެވެ. ތައިލެންޑުން 19 މީހުން މަރުވިކަމަށް ރިޕޯޓުކޮށްފައިވާއިރު، ކެމްބޯޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަސް ސިފައިންނާއި އަށް އާންމުން މަރުވިކަން ކަށަވަރުކޮށްދީފައެވެ. ހަމަނުޖެހުންތައް ފެތުރިގެން ދިޔުމާއެކު، 130،000 އަށްވުރެ ގިނަ މީހުން އެމީހުންގެ ގޯތިގެދޮރު ދޫކޮށް ދިރިއުޅޭނެ ރައްކާތެރި ތަންތަނަށް ހިޖުރަކޮށްފައިވެއެވެ.

ތައިލެންޑްގެ ކަނޑުގެ ފުލުހުން ހޮނިހިރު ދުވަހު ހެނދުނު ކަނޑުގެ އައްސޭރިއާ ކައިރީގައި އޮންނަ ޓްރެޓް ޕްރޮވިންސުން އަލަށް ކުރިމަތިލުންތައް ފެށިފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ. މި އަލަށް ފެށުނު ހަނގުރާމައިގެ ސަރަހައްދު، ކުރިން ހަމަނުޖެހުންތައް ހިނގި ސަރަހައްދުތަކާ 100 ކިލޯމީޓަރު ދުރުގައި އޮތް ބޯޑަރެކެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ކެމްބޯޑިއާ ސިފައިންގެ މީހަކު މަރުވުމާއެކު، މި ހަަމަނުޖެހުން އިތުރަށް ވަރުގަދަވިއެވެ. އެ ހާދިސާއާ ގުޅިގެން ދެ ފަރާތުންވެސް އަސްކަރީ ބާރުތައް އިތުރުކުރަން ފަށާ، ނަތީޖާއެއްގެ ގޮތުން ބޮޑު ހަނގުރާމައަކަށް ހާލަތު ބަދަލުވިއެވެ. މިހާރު މި ހާލަތު ވަނީ ސީރިއަސް ޑިޕްލޮމެޓިކް ހަމަނުޖެހުމަކަށް ބަދަލުވެ، ދިގުދެމިދާނެ ކުރިމަތިލުމެއްގެ ބިރުވެރިކަން އިތުރުވެފައެވެ.

އެމެރިކާގެ ޔޫ.އެން. ގައި ހުންނަވާ ތައިލެންޑްގެ ސަފީރު ހުކުރު ދުވަހު ސެކިއުރިޓީ ކައުންސިލަށް ވިދާޅުވީ ޖުލައި މަހު ދެފަހަރު ތައިލެންޑް ސަރަހައްދުގެ ތެރޭގައި ވަޅުލާފައި ހުރި ލޭންޑްމައިންތަކުގެ ސަބަބުން ތައިލެންޑް ސިފައިންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ހެނދުނު ކެމްބޯޑިއާއިން ހަމަލާދިން ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. ކެމްބޯޑިއާއިން މި ތުހުމަތުތައް ދޮގުކުރެއެވެ.

މިކަމަށް ރައްދު ދެއްވަމުން ތައިލެންޑް ބުނީ، ކެމްބޯޑިއާއިން އަސްކަރީ އަމަލުތައް ވަގުތުން ހުއްޓާލައި، ސުލްހަވެރި މަޝްވަރާތަކަށް އެނބުރި އައުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ކެމްބޯޑިއާއިން ވަނީ ތައިލެންޑް ސިފައިން "ގާނޫނާ ހިލާފު" ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށް، ތައިލެންޑް ސިފައިން އިތުރަށް ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޒާރުދީފައެވެ.

ކެމްބޯޑިއާއިން ވަނީ ތައިލެންޑްގެ މި އަމަލުތައް އެސަރަހައްދުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށްބުނެ ކުށްވެރިކުރުމަށާއި، އިތުރަށް ހާލަތު ގޯސްވިޔަނުދިނުމަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ހަމަނުޖެހުން ހިނގާ ސަރަހައްދާ ކައިރީގައިވާ ތައިލެންޑްގެ ސިސަކެޓް ޕްރޮވިންސްގެ ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ގިނަ އަދަދަކަށް ހިޖުރަކޮށްފައިވެއެވެ. އެ ސަރަހައްދުގެ ހޮޓެލްއެެއްގައި މަސައްކަތްކުރާކަމަށްވާ ޗިއަނުވަޓް ތަލަލައި މި މަންޒަރު ސިފަކުރައްވަމުން ވިދާޅުވީ، "ގާތްގަނޑަކަށް ހުރިހާ އެންމެންވެސް ގޮސްފި،. ރަށް ހީވަނީ ފަޅުވެފައިވާ ތަނެއްހެން ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ކައިރީގައި ތިބި ބައެއް މީހުން މިތާ ތިބި ނަމަވެސް، ގިނަ ބަޔަކު ވަނީ ހިޖުރަކޮށްފަ."

ތައިލެންޑާއި ކެމްބޯޑިއާ ދެމެދު އެތައް  އަހަރެއް ވަންދެން ބޯޑަރުގެ މައްސަލަތައް ވަނީ ހިނގާފައެެވެ. މި މައްސަލައިގެ މައިގަނޑު ސަބަބަކީ، ޕްރީއާ ވީހެއާ އަދި ތާ މޯއަން ތޮމް ފަދަ އާސާރީ ތަންތަނުގެ ވަށައިގެންވާ ބޯޑަރު ސަރަހައްދުތަކުގެ ބައެއް ބައިތައް ސާފުކޮށް ކަނޑައެޅިފައި ނެތުމެވެ.

1962 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ޕްރީއާ ވީހެއާ ކެމްބޯޑިއާއަށް ނިސްބަތްވާ ކަމަށް ނިންމިއެވެ. ނަމަވެސް، 2008 ވަނަ އަހަރު މިއާސާރީ ތަން ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ތެރޭގައި ހިމެނުމަށް ކެމްބޯޑިއާއިން މަސައްކަތް ކުރުމުން މި މައްސަލަ އަލުން ބޮޑުވިއެވެ. އޭގެ ފަހުން އައިސް އެތައް އަހަރެއް ވަންދެން ދެ ފަރާތަށްވެސް ގެއްލުންތައް ލިބިގެންދިޔަ ކުރިމަތިލުންތައް ހިނގާފައިވެއެވެ.

ކެމްބޯޑިއާއިން މިހާރު ވަނީ މި ބޯޑަރު ކޮންފްލިކްޓް އަލުން އައި.ސީ.ޖޭ. އަށް ހުށަހެޅުމަށް އެދިފައެވެ. ނަމަވެސް ތައިލެންޑުން ބުނެފައި ވަނީ މި މައްސަލަ ހައްލުކުރަން ޖެހެނީ ދެގައުމުން ދެމެދު މަޝްވަރާކޮށްގެން ކަމަށާއި، އަދި އައި.ސީ.ޖޭ. ގެ ބާރުގެ ދަށަށް މިކަން ނުދާ ކަމަށެވެ.

ހަނގުރާމަ ކުރިމަތިލުންތައް ކުރިއަށްދާ އިރު، ދެ ފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކުރަމުން ދާއިރު، ޑިޕްލޮމެޓިކް ގުޅުންތައް ވަނީ ހީވެސް ނުކުރާހައި ބޮޑަށް ހީނަރުވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން