ދުނިޔެ

އީރާނުގެ ސިސްޓަން-ބަލޫޗިސްތާނުގެ ކޯޓަކަށް ދިން ހަމަލާއެއްގައި މަދުވެގެން 5 މީހުން މަރުވެއްޖެ

އީރާނުގެ ސިސްޓަން-ބަލޫޗިސްތާނުގެ ކޯޓަކަށް ދިން ހަމަލާއެއްގައި މަދުވެގެން 5 މީހުން މަރުވެއްޖެ

ހަމަލާދިން ސަރަހައްދު ދައްކުވައިދޭ މެޕެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖުލައި 2025، 03:47

26 ޖުލައި 2025، 03:47

އީރާނުގެ ސިސްޓަން-ބަލޫޗިސްތާނު ސަރަހައްދުގެ ކޯޓަކަށް ދިން ހަމަލާއެއްގައި މަދުވެގެން 5 އާންމު ރައްޔިތުން މަރުވެ، 13 މީހުން ޒަހަމްވެއްޖެއެވެ. 

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި މަންމައަކާއި ކުޑަކުއްޖަކު ހިމެނެއެވެ.

އީރާނުގެ ސަރުކާރުގެ ނޫސް އެޖެންސީ އައިއާރްއެންއޭ އިން ބުނި ގޮތުގައި، ހޮނިހިރު ދުވަހު ސިސްޓަން-ބަލޫޗިސްތާނުގެ ވެރިކަން ކުރާ ރަށް ޒަހެދާންގައި ހުރި ކޯޓު އިމާރާތަށް ހަތިޔާރު ހިފައިގެން ވަދެ، ބޮމެއް އެތެރެއަށް އެއްލާލައިފައިވެއެވެ. މި ހަމަލާގައި ހަމަލާ ދިން މީހުންގެ ތެރެއިން 3 މީހުން ވެސް މަރުވެފައިވާ ކަމަށް އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވެއެވެ.

މި ހަމަލާގެ ޒިންމާ ޕާކިސްތާނުގައި މައި މަރުކަޒު ޤާއިމްކޮށްގެން ހަރަކާތްތެރިވާ ބަލޫޗް ހަތިޔާރުއެޅި ޖަމާއަތެއް ކަމަށްވާ ޖައިޝް އަލް-ޢަދްލް (ޢަދުލުގެ އަސްކަރިއްޔާ) އިން ނަގާފައިވެއެވެ. އަދި އާންމު ރައްޔިތުންނަށް ހަމަލާ ދޭ ސަރަހައްދުން ވަގުތުން ފުރާގެން ދިއުމަށް އެ ޖަމާއަތުން ގޮވާލާފައިވެއެވެ.

ސިސްޓަން-ބަލޫޗިސްތާނުގެ ޑެޕިއުޓީ ޕޮލިސް ކޮމާންޑަރު އަލިރެޒާ ދަލީރީ ވިދާޅުވި ގޮތުގައި، ހަމަލާ ދިން މީހުން ކޯޓަށް ވަންނަން މަސައްކަތް ކޮށްފައިވަނީ އާންމު ޒިޔާރަތްތެރިންގެ ގޮތުގައި ދައްކައިގެންނެވެ. ބަލޫޗް އިންސާނީ ހައްޤުތަކުގެ ޖަމާއަތް ހާލްވަޝްއިން ބުނާ ގޮތުގައި، މި ހަމަލާގައި ކޯޓުގެ މުވައްޒަފުންނާއި ސެކިއުރިޓީ މުވައްޒަފުން މަރުވެ އަދި ޒަހަމްވެފައިވެއެވެ.

ޕާކިސްތާނާއި އަފްޤާނިސްތާނުގެ ބޯޑަރުގައި އޮންނަ ސިސްޓަން-ބަލޫޗިސްތާނަކީ އީރާނުގެ ސުންނީ މުސްލިމް ބަލޫޗް މައިނޯރިޓީ ދިރިއުޅޭ ސަރަހައްދެކެވެ. މި ސަރަހައްދުގައި އައިއާރްޖީސީއާއި ސެކިއުރިޓީ ބާރުތަކާ ދެކޮޅަށް ހަތިޔާރުއެޅި ޖަމާއަތްތަކުން ގިނަ ހަމަލާތައް ދެމުން ގެންދެއެވެ. މިދިޔަ އޮކްޓޯބަރުގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާއެއްގައި 10 ފުލުހުން މަރުވެފައިވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން