ދުނިޔެ

އިސްރާއީލު ސިފައިން މަސްޖިދުލް އަޤްޞާ ތެރެއިން ޤުދުސްގެ މުފްތީ ހައްޔަރުކޮށްފި

އިސްރާއީލު ސިފައިން މަސްޖިދުލް އަޤްޞާ ތެރެއިން ޤުދުސްގެ މުފްތީ ހައްޔަރުކޮށްފި

މުފްތީ ޝައިޚް މުޙައްމަދު ޙުސައިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖުލައި 2025، 06:03

25 ޖުލައި 2025، 06:03

މިއަދު އިސްރާއީލްގެ ބާރުތަކުން މަސްޖިދުލް އަޤްޞާގެ ޚަތީބު އަދި ޤުދުސް އަދި ފަލަސްތީނުގެ މުފްތީ ޝައިޚް މުޙައްމަދު ޙުސައިން މިސްކިތް ތެރެއިން ހައްޔަރުކޮށްފިއެވެ.

 މިކަން އިސްލާމިކް ވަޤްފު ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްލާމިކް ވަޤްފު ޑިޕާޓްމަންޓުން ބުނާ ގޮތުގައި، ޝައިޚް މުޙައްމަދު ޙުސައިން ހައްޔަރުކުރީ ހުކުރު ޚުޠުބާ ދެއްވުމަށްފަހު މިސްކިތުގެ އެތެރެއިންނެވެ. ފަލަސްތީން ނިއުސް އެޖެންސީ (ވަފާ) އިން ބުނެފައިވަނީ ލޯކަލް ރިޕޯޓުތަކުން ދައްކާ ގޮތުގައި، އިސްރާއިލްގެ ބާރުތަކުން މިސްކިތުގެ އަޑުގަދަކުރާ ކޮޓަރިއަށް ވަތްކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ބަނޑަށްޖެހުމުގެ ސިޔާސަތު ފާޅުގައި ކުށްވެރިކުރައްވައި މިއަދު އިއްވި ޚުޠުބާއަށްފަހު ވަނީ މުފްތީ ހައްޔަރުކޮށްފައިކަމަށެވެ.

މި މަސްދަރުތަކުން އިތުރަށް ހާމަކުރި ގޮތުގައި، އިސްރާއީލު ޕޮލިހުގެ ޚާއްޞަ ބާރުތަކެއް ވަނީ މިސްކިތުގެ ސެކިއުރިޓީ ވެރިޔާގެ އޮފީހާއި މަސްޖިދުލް އަޤްޞާގެ ޑިރެކްޓަރު ޝައިޚް އުމަރު އަލް-ކިސްވާނީގެ އޮފީހަށްވެސް ވަދެފައެވެ. މިކަން ހިނގީ މުފްތީ ހައްޔަރުކުރި ވަގުތުއެވެ.

އިސްރާއީލްގެ ބާރުތަކުން ވަނީ ނަމާދަށް އަންނަ މީހުންނަށް ހުރަސްއަޅައި، ގިނަ އަދަދެއްގެ ޒުވާނުން މިސްކިތަށް ވަނުން މަނާކޮށްފައެވެ. އަދި ޚާއްޞަކޮށް ހުކުރު ދުވަސްތަކުގައި މަސްޖިދުލް އަޤްޞާއަށް ވަނުމުގައި ހަރުކަށި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ހުޅަނގު އައްސޭރީގެ އެތައްހާސް ފަލަސްތީނު ރައްޔިތުންނަށް ޤުދުސްއަށް އައިސް މަސްޖިދުލް އަޤްޞާގައި ނަމާދުކުރުމުގެ ފުރުސަތު ވަނީ ނިގުޅައިގަނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން