ދުނިޔެ
އިސްރާއީލް ފުނޑުފުނޑުވެގެން ދަނީ، މަދަނީ އިއުތިރާޒަކީ ހައްލު: އެހޫދު ބަރަކް

އިސްރާއިލްގެ ކުރީގެ ބޮޑުވަޒީރު ބަރަކް
އިސްރާއިލް ފުނޑުފުނޑުވެގެން ދަނީ ކަމަށާއި އެކަމުގެ ހައްލަކީ މަދަނީ އިއުތިރާޒުކަމަށް އިސްރާއިލްގެ ކުރީގެ ބޮޑުވަޒީރު އެހޫދު ބަރަކް ބުނެފިއެވެ.
އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު އެހޫދު ބަރަކް ބުނެފައިވަނީ އިސްރާއީލާއި ޒިއޯނިސްޓް ވިޝަން ފުނޑުފުނޑުވެގެން ދަނީ ކަމަށާއި، މި ހަޤީޤަތް ހިތްބަރުކަމާއި އެކުވެސް ޤަބޫލުކުރަން ޖެހޭ ކަމަށެވެ.
ހާރެޓްސް ނޫހުގައި ޝާއިއުކުރެއްވި މަޒުމޫނެއްގައި އޭނާ ބުނެފައިވަނީ އިސްރާއީލް ވަނީ ދުނިޔޭގެ ނަޒަރުގައި ބަލައިނުގަނެވޭ ޤައުމަކަށް ވެފައި ކަމަށާއި، ގިނަ ރައްޔިތުން ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އިސްރާއީލީ ސިފައިން ލެބަނަން، އީރާން އަދި ސީރިއާގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވީ ނަމަވެސް، ޢައްޒާގައި ހަނގުރާމައިގެ ވަޅުގަނޑެއްގައި ޖެހިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އިސްރާއީލްގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ބަރަކް ބުނީ، ލޭ އޮހޮރެމުންދާ ކަމަށާއި ރިޒާވް ސިފައިންގެ އާއިލާތައް ފުނޑުފުނޑުވެގެން ދާކަމަށެވެ.
އަދި ހަމާސްއިން ރަހީނު ކޮށްފައިވާ ރަހީނުން ވަނީ ވެރިކަމުގައި ދެމިހުރުމުގެ ޤުރުބާނަކަށް ދޫކޮށްލެވިފައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އިސްރާއީލް ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތަކީ މަދަނީ އިއުތިރާޒަކާއި އާންމު ހުއްޓުވުމަކުން އެކަންކަން ހުއްޓުވައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޣައްޒާގައި ހިންގާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ހޯދަމުންދާ ބެންޖަމިން ނަތަންޔާހޫއަށް އިޝާރާތްކުރަމުން، ބަރަކް ބުނީ މުޅި އިސްރާއީލް ހުއްޓުވާލެވޭ ހިނދު، ސަރުކާރުން ރައްޔިތުންގެ އިރާދައަށް ބޯލަނބާނެ ކަމަށާއި، އޭގެ ބަދަލުގައި ރަނގަޅު ސަރުކާރެއް އަންނާނެ ކަމަށެވެ.
އެއް މިލިއަން އިސްރާއީލް ރައްޔިތުން މަގުމައްޗަށް ނުކުމެއްޖެނަމަ ސަރުކާރު ވެއްޓޭނެ ކަމަށާއި، މިހާރު ވަނީ އެންމެން އެއްކޮށް ހުއްޓުމެއްނެތި ދެމިގެންދާ މުޒާހަރާ ތަކަކަށް ނުކުންނަށް ޖެހިފައިކަމަށެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން، އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ވަނީ ޣައްޒާގައި ނަސްލު ފޮހެލުމުގެ ހަނގުރާމައެއް ފަށާފައެވެ. މީގެ ތެރޭގައި ސީދާ ހަމަލާތަކުގައި މީހުން ޝަހީދުކުރުމާއި، ބަނޑަށްޖެއްސުމާއި، ތަންތަން ހަލާކުކުރުމާއި، މަޖުބޫރުކޮށްގެން ގެތަކުން ނެރުންހިމެނެއެވެ.
ބައިނަލްއަޤްވާމީ ގޮވާލުންތަކާއި ބައިނަލްއަޤްވާމީ އަދުލުގެ ކޯޓުގެ އަމުރުތަކަށް އިސްރާއިލުން ދެމުންދަނީ ބީރުކަންފަތެކެވެ.
މި ނަސްލު ފޮހެލުމުގެ ހަނގުރާމައިގައި 203،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ އަދި ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 10،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ސަތޭކަ ހާހުން ގުނޭނެހެން ބަޔަކު ވަނީ ނިކަމެތި ހާލުގައި ޖެހި، ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިން ނިޔާވެފައިވެއެވެ.