Ads by Stelco

ޚަބަރު

ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެ: މޯދީ

ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެ: މޯދީ

ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑު ވަޒީރަށް މަރުހަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖުލައި 2025، 03:05

25 ޖުލައި 2025، 03:05

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަމަށް، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މިއަދު ހެނދުނު ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ތާނަ އަކުރު ބޭނުންކުރައްވައިގެން ކުރެއްވެވި ޕޯސްޓުގައި، މަރުޙަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އެއާރޕޯޓަށް ވަޑައިގެންނެވުމުން އުފާކުރައްވާކަމަށް ވިދާޅުވިއެވެ. 



އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް އެއާރޕޯޓަށް ވަޑައިގެންނެވިއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅުގައި އެ ޤައުމުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޕްރައިމް މިނިސްޓަރ މޯދީއަށް މަރުޙަބާ ދެންނެވުމަށް ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ބައެއް ރައްޔިތުން ވެސް އެއާރޕޯޓަށް ވަޑައިގެންނެވިއެވެ. މިކަމާ ގުޅިގެން މޯދީ ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާކުރައްވާ ކަމަށާއި، ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއް. މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާވެއްޖެ. ދެއްވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރަން.

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ތިންވަނަ ފަހަރަށް ޙަވާލުވެވަޑައިގެންނެވިފަހުން މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު، ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަޙައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބާއްވާނެއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން