ޚަބަރު
ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމި ދަރިވަރުން ޗުއްޓީއަށް

ހިރިޔާ ސްކޫލްގެ ދެ ދަރިވަރުން ފޮޓޯ: އެޑިޝަން
މިއަހަރުގެ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި، ދަރިވަރުންގެ ޗުއްޓީ މިއަދު ރަސްމީކޮށް ފެށިއްޖެއެވެ. މިއަދު ވަނީ ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލާ، ދަރިވަރުންނާ ރިޕޯޓް ފޮތް ހަވާލުކޮށްފައެވެ.
ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފެށޭނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންކަމުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް މިފަހަރު ލިބިގެންދާނެއެވެ. މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި، އަހަރު ނިންމާލުމުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ ޑިސެމްބަރު 28 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހާ ހަމައަށެވެ.
މިއަހަރުގެ ދިރާސީ އަހަރުގައި ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ ނުވަދިހާ ހާހެއްހާ ދަރިވަރުން ކިޔަވަމުންދެއެވެ. އޭގެތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 84،000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދެއެވެ. އަބަދުވެސް އޮންނަ ގޮތަށް މިއަހަރުވެސް މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު ނިސްބަތުން އިތުރުކަން ފާހަގަކުރެވެއެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްގައި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ އާބާދީގެ 33 އިންސައްތަ ދަރިވަރުން ކިޔަވާއިރު، މާލޭ ސްކޫލްތަކުގައި 21 އިންސައްތަ މުވައްޒަފުން މަސައްކަތް ކުރެއެވެ.
މި ސަރުކާރުން ވަނީ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ކުރީ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ނިންމަވާފައެވެ. މި ބަދަލާއެކު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.