ދުނިޔެ
ވެރިކަމުގައި ދެމިހުރުމަށް ނަތަންޔާހޫ އެންމެންނަށް ޣައްދާރުވަނީ: ހާރެޓްސް

ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމިއްލަ މަސްލަހަތު ޤައުމުގެ މަސްލަހަތުގެ މައްޗަށް އިސްކޮށްފައިވާކަމަށް އިސްރާއީލީ ނޫސް "ހާރެޓްސް" ގައި ޝާއިޢުކޮށްފައިވާ ތަހުލީލީ ލިޔުމެއްގައި ބުނެފިއެވެ.
މިކަން ފާހަގަކޮށްފައިވަނީ ހަރުކަށި ޔަހޫދީ ޖަމާޢަތް ކަމަށްވާ ހަރޭދިމްގެ 80،000 އަށްވުރެ ގިނަ ފިރިހެނުންނަށް ސިފައިންގެ ޚިދުމަތުން އިސްތިއުފާ ދިނުމަށް ހުށަހަޅާފައިވާ ބިލާ ގުޅިގެންނެވެ.
އިސްރާއީލީ ނޫސްވެރިޔާ ޔޫސީ ވަރްޓަރ އޭނާގެ ތަހުލީލުގައި ބުނެފައިވާ ގޮތުގައި، ނެތަންޔާހޫ ވަނީ ކުނެސެޓްގެ ޚާރިޖީ އަދި ދިފާޢީ ކޮމިޓީގެ ރައީސް ޔޫލީ އެޑެލްސްޓީން މަޤާމުން ވަކިކުރުމަށް ނިންމާފައެވެ. އެޑެލްސްޓީންއަކީ މި ބިލަށް އިދިކޮޅު ފަރާތެކެވެ.
"ނަތަންޔާހޫގެ ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ވަނީ ދައުލަތުގެ ސަލާމަތާއި ޑިމޮކްރެޓިކް މިންގަނޑުތައް ހަރުކަށި ދީނީ ޕާޓީތަކަށް ޤުރުބާންކޮށްފައެވެ. މި ޕާޓީތަކުން ވަނީ ސިފައިންގެ ޚިދުމަތުން އިސްތިސްނާ ދިނުމުގެ ޤާނޫނެއް ފާސްކޮށްދޭނެކަމުގެ ވަޢުދުގެ މުޤާބިލުގައި ޝަރުޢީ ނިޒާމު ނައްތާލުމަށް ސަރުކާރުން ހުށަހެޅި ޕްލޭނަށް ހާމަކަން ބޮޑު ގޮތެއްގައި ތާއީދުކޮށްފައި ކަމަށް ވަރްޓަރ ލިޔެފައިވެއެވެ.
ވަރްޓަރގެ ތަހުލީލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މި " ޣައިރް އަޚްލާޤީ" ޤާނޫނަށް އިދިކޮޅު ހަދަނީ އެޑެލްސްޓީން އެކަނި ނޫނެވެ. ގިނަ ރައުޔު ހޯދުމުގެ ސަރވޭތަކުން ދައްކާ ގޮތުގައި އިސްރާއީލީންގެ އަޣުލަބިއްޔަތު މި ބިލަށް އިދިކޮޅެވެ. ނަމަވެސް ނެތަންޔާހޫއަށް މުހިންމީ "އިތުރު ދުވަހަކަށް، ނުވަތަ އިތުރު ހަފްތާއަކަށް، ނުވަތަ އިތުރު މަހަކަށް" ވެރިކަމުގައި ދެމިހުރުމެވެ.
"ނަތަންޔާހޫ ނުފަހަނައަޅާ ރަތް ރޮނގެއް ނެތެވެ. ނުދާ އަޑިއެއް ނެތެވެ. ނުކުރާ ދަށު ދަރަޖައިގެ ޢަމަލެއް ނެތެވެ،" ވަރްޓަރ ލިޔެފައިވެއެވެ.