ދުނިޔެ
ޣައްޒާގެ ކުޑަކުދިން ބަނޑުހައިހޫނުކަން ފިލުވަން ވެލިކަނީ

ޣައްޒާގައި ބަނޑުހައިހޫނު ކަމުގެ ސަބަބުން އެޑްމިޓްކުރެވިފައިވާ ކުޑަ ކުއްޖެއް
ޣައްޒާގެ އެތެރެއަށް ކާބޯތަކެތި ވެއްދުން ހުއްޓުވައިފައިވުމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ބަނޑުހައިހޫނު ކަން އިތުރުވެ ބަނޑުހައިހޫނުކަން ފިލުވަން ޣައްޒާގެ ކުޑަކުދިން ވެލިކާ މަންޒަރުދައްކުވައިދޭ ވީޑިއޯތަކެއް އާންމުވެއްޖެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދާތާ ދެއަހަރަށްވުރެ ގިނަ ދުވަސްވަނީ ވެގެންގޮސްފައެވެ. މިފަހަކަށް އައިސް އިސްރާއިލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކަށް ހަދައިފައިވަނީ ބަނޑުހައިހޫނުކަމެވެ.
ބަނޑުހައިހޫނު ކަމުގެ މިހަތިޔާރުން ކުޑަކުދިންނާއި މުސްކުޅިން ތަފާތުވުމެއްނެތި އަމާޒުކުރެވެމުންދެއެވެ.
ބަނޑުހައިހޫނުކަމުގެ ސަބަބުން އެންމެ ގިނަ ފަލަސްތީނު ރައްޔިތުން ނިޔާވެފައިވާކަން ފާހަގަކުރެިވފައިވަނީ އިއްޔެއެވެ. މީގެ ތެރޭގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ނިޔާވި މީހުންނާއި، އެހީތެރިކަން ފޯރުކޮށްދޭ ސަރަހައްދުތަކުގައި އިސްރާއީލް ސިފައިންގެ ވަޒަންތަކަށް ހުށަހެޅި ޝަހީދުވި މީހުން ހިމެނެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެވެމުންދާ ހިތާމަވެރި މަންޒަރުތަކުގެ ތެރޭގައި، ފަސް އަހަރު ނުފުރޭ ކުޑަކުއްޖަކު ބަނޑުހައިހޫނުކަމުގެ ސަބަބުން ވެލި ކައިގެން އުޅޭ މަންޒަރު ހިމެނެއެވެ. މި ކުޑަކުއްޖާ ވެލި ނަގަނީ ކުޑަ ހިލައެއް ސަމުސަލެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ.
ޔޫ.އެން ގެ ފަލަސްތީނުގެ ޚާއްސަ ރިޕޯޓަރު ފްރަންޗެސްކާ އަލްބަނީޒީ ވިދާޅުވެފައިވަނީ، އިސްރާއީލުން ދެ މިލިއަން މީހުން ނައްތާލައި، ކުޑަކުދިން ޝަހީދުކުރުމަށް ކުރަމުންދާ ކަންތައްތަކަކީ ނާޒީންގެ ޖަރީމާތަކާ އެއްފަދަ ކަންތައްތަކެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިއަދު އިސްރާއީލުން މިލިއަނުން މީހުން ބަނޑުހައިހޫނުކަމަށް ހުށަހަޅައި، މުނިފޫހިފިލުވުމުގެ ގޮތުން ކުޑަކުދިންނަށް އަމާޒުކޮށް ބަޑި ޖަހަމުންދާއިރު، ޑިމޮކްރަސީތަކާއި ޑިކްޓޭޓަރޝިޕްތަކުން މިކަމަށް ހިމާޔަތްދެމުންދާ ކަމަށެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ބަނޑުހައިހޫނުކަމުގެ ސިޔާސަތުގެ ސަބަބުން 86 ފަލަސްތީނުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި 76 ކުޑަކުދިން ހިމެނެއެވެ. މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އެހީ ވަނުން ހުއްޓުވުމުގެ ސަބަބުން ދިމާވެފައިވާ ކަމެކެވެ. މާރިޗު 2 އިން ފެށިގެން އިސްރާއީލުން ވަނީ ހުރިހާ އެހީއެއް ވަނުން މުޅިން ހުއްޓުވާލާފައެވެ.