ދުނިޔެ
އީރާން އާއި ޔޫރަޕްގެ ތިން ޤައުމަކާ މެދު ނިއުކްލިއަރ މަޝްވަރާތައް ހުކުރު ދުވަހު ފެށުމަށް ހަމަޖެހިއްޖެ

އީރާނުގެ ނިޔުކްލިއަރ ފެސިލިޓީއެއް.
ހުލާސާ
އީރާނާއި، ފްރާންސް، ޖަރުމަނު އަދި އިނގިރޭސި ވިލާތާއި މެދު ނިއުކްލިއަރ މަޝްވަރާތައް އިސްތަންބޫލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މި މަޝްވަރާތައް ފެށުމަށް ނިންމާފައިވަނީ، މަޝްވަރާތައް އަލުން ނުފަށައިފިނަމަ އީރާނަށް ބައިނަލްއަގުވާމީ ފިޔަވަޅުތައް އަލުން އަޅާނެ ކަމަށް ޔޫރަޕްގެ ތިން ޤައުމަކުން އިންޒާރު ދިނުމަށް ފަހުގައެވެ.
ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މަޝްވަރާތަކުގެ ކުރިން، އީ ޤައުމުތަކުގެ (ތިން ޔޫރަޕިއަން ޤައުމުގެ) ފޮރިން މިނިސްޓަރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ވެރިޔާ ވަނީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއެކު ފޯނު މަޝްވަރާއެއް ބާއްވާފައެވެ. މިއީ އިަސްރާއިލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމަށްފަހު ބޭއްވުނު ފުރަތަމަ މަޝްވަރާއެވެ.
"ޔޫރަޕިއަން ޔޫނިއަން/އީ3 އަށް ދައުރެއް އަދާކުރަން ބޭނުންނަމަ، އެފަރާތްތަކުން ޖެހޭނީ ޒިންމާދާރު ގޮތެއްގައި ޢަމަލުކުރަން. އަދި 'ސްނެޕް-ބެކް' ފަދަ ބިރުދެއްކުމާއި ޕްރެޝަރުގެ ސިޔާސަތުތައް އެއްކިބާކުރަން. މިކަމަށް އެފަރާތްތަކަށް އެއްވެސް އަޚްލާޤީ އަދި ޤާނޫނީ ހައިސިއްޔަތެއް ލިބިގެނެއް ނުވޭ،" އަރަގްޗީ ވިދާޅުވިއެވެ.
އިސްރާއިލް-އީރާން ހަނގުރާމައިގެ ކުރިން، އީރާނާއި އެމެރިކާ ވަނީ އޮމާނުގެ މެދުވެރިކަމާއެކު ފަސް ބުރެއްގެ ނިއުކްލިއަރ މަޝްވަރާތައް ބާއްވާފައެވެ. ނަމަވެސް އީރާނުގެ ޔުރޭނިއަމް އެންރިޗްމަންޓް މައްސަލައިގައި ހުރަސްތަކާ ކުރިމަތިވިއެވެ. ހަތިޔާރު އުފެއްދުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި މި މިންވަރު ސުމަކަށް ގެނައުމަށް ހުޅަނގުގެ ބާރުތަކުން ބޭނުންވެއެވެ.
އީރާނުން ބުނާ ގޮތުގައި އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެއިތުރުން، އާދީއްތަ ދުވަހު ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން ވަނީ އީރާނުގެ ސުޕްރީމް ލީޑަރުގެ ނިއުކްލިއަރ ކަންކަމުގެ އިސް ލަފާދޭ ފަރާތް ކަމުގައިވާ އަލީ ލަރިޖާނީއާ ކްރެމްލިންގައި ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.