ދުނިޔެ
އިރާނުގައި ހޫނުގަދަވެ ހޫނުމިން 50 ޑިގްރީއަށް، ފެނުގެ ދަތިކަން ވެސް ކުރިމަތިވެއްޖެ

އިރާނުގައި ހޫނުގަދަވުމުގެ ސަބަބުން މަގުމަތީގައި މީހަކު ބޮލަށް ފެން އަޅަނީ
އިރާނުގައި މިވަގުތު ކުރިމަތިވެފައިވާ ހޫނުގަދަ މޫސުމާ ގުޅިގެން، ފެނުގެ ބޭނުން މަދުކުރުމަށް އެ ޤައުމުގެ އިސްވެރިން ރައްޔިތުންނަށް ގޮވާލައިފިއެވެ.
އިރާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، މިއީ މިއަހަރު އެންމެ ހޫނުގަދަ ހަފްތާ ކަމަށްވާއިރު، ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެފައިވެއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖަރާނީ ވަނީ ބުދަ ދުވަހު ތެހެރާން ޕްރޮވިންސްގައި ބަންދު ދުވަހެއް އިއުލާނުކޮށްފައެވެ.
އިރާނުގައި ފެނުގެ ދަތިކަމަކީ މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ. ޚާއްސަކޮށް އެ ޤައުމުގެ ދެކުނުގެ ހޫނު ސަރަހައްދުތަކުގައި މި މައްސަލަ ވަނީ ބޮޑުވެފައެވެ. މި މައްސަލަ ދިމާވަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބިމުގެ އަޑީގެ ވަސީލަތްތައް ރަނގަޅަށް މެނޭޖް ނުކުރެވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ހިމެނެއެވެ.
ތެހެރާން ސިޓީ ކައުންސިލްގެ ރައީސް މެހްދީ ޗަމްރާން ވަނީ ފެނުގެ ސަޕްލައި ދަށްވިޔަ ނުދިނުމަށްޓަކައި ފެނުގެ ބޭނުން އިސްރާފު ނުކުރުމަށް ރައްޔިތުންނަށް ގޮވާލައިފައެވެ. އަދި ތެހެރާންގެ ފެން މެނޭޖްމަންޓް ކުންފުނިން ވަނީ ފެނުގެ ބޭނުން މަދުވެގެން 20 އިންސައްތަ ދަށްކުރުމަށް އެދިފައެވެ.
"ތެހެރާނަށް ފެން ސަޕްލައި ކުރާ ޑެމްތަކުގެ ފެން މިހާރު ހުރީ ވޭތުވެދިޔަ ސަތޭކަ އަހަރުގެ ތެރޭގައި އެންމެ ދަށް މިންވަރުގައި،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ހާލަތާ ގުޅިގެން އެނަރޖީ މިނިސްޓަރ އައްބާސް އަލިއަބާދީ ވަނީ ފެނުގެ ސަޕްލައި ދަށްވެފައިވާތީ މަޢާފަށް އެދިފައެވެ.