ދުނިޔެ
އިސްރާއީލުން ޣައްޒާގެ މެދުތެރޭގެ ބޮޑު ސަރަޙައްދުތަކުން ރައްޔިތުން ނުކުތުމަށް އަމުރުކޮށްފި

ޣައްޒާގެ އަންހެނުންތަކެއް އެއްސަރަހައްދުން އަނެއް ސަރަަހައްދަށް ދަތުރުކުރަނީ.
އިސްރާއީލުގެ ސިފައިން މެދު ޣައްޒާގެ ދެއިރު އަލް-ބަލަޙް ސިޓީގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުން ރައްޔިތުން ނުކުތުމަށް އަމުރުކޮށްފިއެވެ.
މިހާރު ޣައްޒާގެ 86 އިންސައްތަ ސަރަޙައްދަކީ ހަނގުރާމައިގެ ސަރަޙައްދު ނުވަތަ ހުސްކުރަން އަމުރުކޮށްފައިވާ ސަރަޙައްދުތަކެވެ.
އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ދެއިރު އަލް-ބަލަޙް ސިޓީގެ ހުޅަނގު ދެކުނު ސަރަޙައްދުތަކުގައި އެމީހުންގެ އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށާއި، އެސަރަޙައްދުތަކުގެ ރައްޔިތުން ދެކުނު ޣައްޒާގެ އަލް-މަވާސީ "ރައްކާތެރި ސަރަޙައްދަށް" ދިއުމަށް އަމުރުކޮށްފައެވެ. ނަމަވެސް އެސަރަޙައްދަކީ ވޭތުވެދިޔަ މަސްތަކުގައި އިސްރާއީލުން ބޮންއަޅައި، މިހާރުވެސް ގެދޮރު ދޫކޮށްފައިވާ މީހުންނާއި ޓެންޓުތަކުން ފުރިފައިވާ ސަރަޙައްދެކެވެ.
ފަލަސްޠީނު ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީ (އަންރުވާ) ގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޣައްޒާގެ 86.1 އިންސައްތަ ސަރަޙައްދަކީ މިހާރު އިސްރާއީލުގެ ހަނގުރާމައިގެ ސަރަޙައްދު ނުވަތަ ހުސްކުރަން އަމުރުކޮށްފައިވާ ސަރަޙައްދުތަކެވެ.
އދ. އިން ލަފާކުރާ ގޮތުގައި މާރިޗު މެދުތެރޭގައި އިސްރާއީލުން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު 725،000 އަށްވުރެ ގިނަ މީހުން އަލުން ގެދޮރު ދޫކޮށް ދާންޖެހިފައިވެއެވެ. މީގެ ގިނަ މީހުންނަކީ އެކި ފަހަރު މަތިން ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނެވެ. އަދި ބައެއް މީހުން 10 ފަހަރަށްވުރެ ގިނައިން ގެދޮރު ދޫކޮށް ދާންޖެހިފައިވެއެވެ.
ޣައްޒާއަށް ހަމަލާދޭން ފެށުމަށްފަހު، އިސްރާއީލުގެ ސިފައިން ވަނީ އެތައް ފަހަރެއްގެ މަތިން ފަލަސްޠީނު ރައްޔިތުންނަށް ގެދޮރު ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. މިކަން ކުރަމުންދަނީ ގަދަފަދަ ބޮންގޮށުމާއި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވާލުމުގެ ތެރެއިންނެވެ.