ދުނިޔެ

ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުން ގަސްގަހުގެ ފަތް ކާން މަޖުބޫރުވެއްޖެ

ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުން ގަސްގަހުގެ ފަތް ކާން މަޖުބޫރުވެއްޖެ

ޣައްޒާގެ އަންހެނެއް ކެއުމަށް ފަތް ކޮށަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖުލައި 2025، 04:03

20 ޖުލައި 2025، 04:03

ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ސަބަބުން ގަސްގަހުގެ ފަތް ކާން މަޖުބޫރުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާ އެއްކޮށް ބަންދުކޮށް، ކާބޯތަކެތި ވައްދަން ހުއްދަ ނުދިނުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދާއިރު، ގަސްގަހުގެ ފަތް ކައިގެން ދިރިއުޅެން މަޖުބޫރުވެފައިވާ ކަމަށް ވަރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ވަނީ ބުނެފައެވެ.

ޑަބްލިއުއެފްޕީ އިން ހާމަކުރި ގޮތުގައި ޣައްޒާގެ ކޮންމެ ތިން މީހަކުން އެކަކު ދުވަސްތަކެއް ވަންދެން ކާއެއްޗެއް ނުލިބި ތިބެން ޖެހިފައިވެއެވެ. އަދި ޣައްޒާގެ ޞިއްޙީ އިދާރާތަކުން ވަނީ ސަތޭކަ އަކުން ގުނާލެވޭ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވުމުގެ ހާފާގައި ތިބިކަން ފާހަގަކޮށްފައެވެ.

އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގައި ބަނޑުހައިހޫނުކަމާއި ނިއުޓްރިޝަން މަދުވުމުގެ ސަބަބުން ފަރުވާ ހޯދަމުންދާ ސަތޭކަ އަކުން ގުނާލެވޭ އަދަދެއްގެ ބަލިމީހުން ތިބިއިރު، އެންމެންނަށް އެނދާއި ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. 

"17،000 ކުޑަކުދިން ވަނީ ނިއުޓްރިޝަން މަދުވުމުގެ ސަބަބުން ނުރައްކާތެރި ހާލަތެއްގައި. މިއީ މުޅި ޖީލެއް ބަނޑުހައިހޫނުކަމުގައި މަރުވަމުންދާ މަންޒަރު،" އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ ވިދާޅުވިއެވެ.

ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މިވަގުތު 1.25 މިލިއަން މީހުން ވަނީ ނުރައްކާތެރި ބަނޑުހައިހޫނުކަމުގެ ހާލަތުގައެވެ. އަދި އާބާދީގެ 96 އިންސައްތަ މީހުން، އޭގެ ތެރޭގައި އެއް މިލިއަނަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތަށް، ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިފައެވެ.

މާރިޗު 2 ގައި އިސްރާއީލުން ޣައްޒާގެ މައި ބޯޑަރު ކްރޮސިންގތައް ބަންދުކުރުމާ ގުޅިގެން، 2.3 މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި އިންސާނީ އެހީ ފޯރުކޮށްދިނުން ވަނީ ހުއްޓިފައެވެ. އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން