ދުނިޔެ
ޣައްޒާގައި ކާބޯތަކެތި ނުލިބި 900 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ، އޭގެ ތެރޭގައި 71 ކުޑަކުދިން ހިމެނޭ

ޣައްޒާގެ އެހީ ބަހާ މަރުކަޒެއް
ޣައްޒާގައި ކާބޯތަކެތި ނުލިބި 900 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި ނުލިބި އަދި ނުބައި ކެއުމުގެ ސަބަބުން 900 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 71 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތި ހޯދުމުގެ ތެރޭގައި 6000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
އިސްރާއީލުގެ އެންމެ ފަހުގެ އަނިޔާވެރި ހަމަލާގައި، ރޭގެ އިރާކޮޅު ޣައްޒާ ސިޓީގެ އުތުރު ހިސާބުގައި އެހީ ހޯދަން އުޅުނު 51 މީހުންނާއެކު ޖުމްލަ 54 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. އަދި 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުން ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދެއެވެ. އަދި ކުޑަކުދިން ބަނޑުހައިހޫނުކަމުގައި މަރުވަމުންދަނީ ކެމެރާތަކުގެ ކުރިމަތީގައެވެ. ދެ މިލިއަނަށްވުރެ ގިނަ މީހުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީ ނުލިބި ހާލުގައި ޖެހިފައިވާކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށް ވީރާނާވެފައިވާކަމަށް ބުނެ، އެ ވުޒާރާއިން ވަނީ ކުއްލި ގޮވާލުމެއް ދީ، އިސްރާއީލަށް ބާރުއަޅައި އެހީތައް ވެއްދުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައެވެ.
ޣައްޒާގެ ބަނޑުހައިވެފައިވާ ކުޑަކުދިންގެ ރުއިމުގެ އަޑުތަކަށް ދުނިޔެ ބީރުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ހާލަތުގައި، ގިނަ ހޮސްޕިޓަލްތަކުގެ މެޑިކަލް ސްޓާފުންނާއި ބަލިމީހުންނަށް 24 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަންދެން ކާނާ ނުލިބި ތިބިކަމަށް ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ޞިއްޙީ ޚިދުމަތްތައް ހުއްޓުމަކަށް އައުމުގެ ބިރު ބޮޑުވެފައިވާ ކަމަށާއި، މެޑިކަލް ފަރުވާ ބޭނުންވާ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އެ ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ.