ޚަބަރު
އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓު ހަވާލުކުރަން ނިންމައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އެޕާޓްމެންޓުތައް---
ބިންވެރިޔާ ސްކީމްގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ހުޅުމާލެ ފޭސް-3 ނުވަތަ ގިރާފަރުފަޅުން ގޯތި ލިބިފައި އޮތަސް، ގެދޮރުވެރިޔާ ސްކީމުން ޝަރުތުތައް ފުރިހަމަވެ، ފްލެޓު ލިބޭ ލިސްޓުގައި އެ ފަރާތެއްގެ ނަން ހިމަނާފައިވާ ފަރާތްތަކަށް ފުލެޓު ހަވާލުކުރުމަށް ނިންމައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ރޭ މިކަމާ ގުޅިގެން ގެޒެޓުކުރި އިޢުލާނުގައި ބުނީ، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ހަވާލުކުރާނީ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށްކަމަށް ކުރިން ނިންމާފައިވީނަމަވެސް، އެ ނިންމުން މިހާރު ބަދަލުކޮށްފައިވާކަމަށެވެ.
އެ ވުޒާރާއިން ބުނީ ކުރިން ނިންމާފައި އޮތް ގޮތުން، އެކަމުގައި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަވިކަމަށެވެ. އަދި އެ ގޯތިތައް ދޫކޮށްފައިވާ ސަރަޙައްދުތަކުގައި ބިން ހިއްކުމުގެ މަސައްކަތް މިހާތަނަށް ނިންމާލެވިފައި ނުވުމުން، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، ކުރީގެ ނިންމުން ބަދަލުކުރީ ކަމަށެވެ.
އަދި ފުލެޓު ނަންބަރު ގުރުއަތުން ނަގައި، ލިބޭ ފްލެޓު ކަނޑައެޅިފައިވާ ފަރާތްތަކުގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައިނުވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ސަރުކާރުން މިހާރު ދަނީ 4000 ހައުސިން ޔުނިޓް ހަވާލުކުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ހޯމަ ދުވަހު ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެއެވެ.