ޚަބަރު
ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެގްރީމެންޓުތަކުގައި މާދަމާ ސޮއިކުރަން ފަށަނީ

ފްލެޓުތަކުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުން / 19 ޖޫން 2025، ފޮޓޯ: އެފްޑީސީ
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް-2އިން ދޫކުރުމަށް ނިންމާފައިވާ 4،000 ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މާދަމާ ފެށުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ނިންމައިފިއެވެ.
އެފްޑީސީއިން ރޭ ނެރުނު އިޢުލާނެއްގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައެޅުމާ ގުޅިގެން، އެފްޑީސީއިން އެ ފަރާތްތަކާއެކު، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް 21 ޖުލައި 2025 ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކެއްގައި، ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާއި ދެމެދުއެވެ. އަދި ސިންތެޓިކް ޓްރެކުން މި މަސައްކަތް ކުރިޔަށްދާނެ ސަރަޙައްދުތައް އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.
އަދި އެއްބަސްވުމުގައި ސޮއިކުރަން ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އަންގާނީ އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ހާޟިރުވާއިރު، ތިރީގައިވާ ލިޔެކިޔުންތައް ގެންދިއުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.
1- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
4- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
5- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް
އެފްޑީސީއިން ބުނީ، ފްލެޓުތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތް ނިންމާފައިކަމަށެވެ. އެގޮތުން ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުންކަމަށް ހައުސިން މިިނިސްޓްރީން ބުނެފައިވެއެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް، މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފައެވެ.