ޚަބަރު
ރ. މާމުނަގާ ރިސޯޓްގެ ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑު ކަނޑުމަތީގައި އެހީތެރިވުމަށް ހަރަކާތްތެރިވަނީ
ރ. މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް ކަނޑުތެރޭގައި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށެވެ. އެހެންކަމުން، ކާށިދޫ ކަނޑުތެރެއާއި އޭގެ ވަށައިގެންވާ ސަރަހައްދުން ދަތުރުކުރައްވާ ހުރިހާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ބޮޑުބަަޔަކަށް 45 މޭލަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން ރޭގަނޑު 21:30 ހާހަމައަށްށެވެ.