ޚަބަރު
ވީއައިއޭގެ ކާރު ކިއު، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުރި ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރަނީ

ކާރުތައް މަޑުކުރާ ތަންތަނަށް ގެނެވިފައިވާ ބަދަލުތަކުގެ ޗާޓު ފޮޓޯ:އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްޤީކޮށްފައިވާ އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން، އެއާޕޯޓުގެ ކާރު ކިއުއާއި ޑޮމެސްޓިކް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރާ ތަންތަނަށް ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ. މި ބަދަލުތައް އަމަލުކުރަން ފަށާނީ 20 ޖުލައި 2025 އިން ފެށިގެންނެވެ.
މި ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބަދަލަކީ، ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ޕަސިންޖަރުން ގޮވައިގެން އަންނަ ކާރުތަކަށް މަޑުނުކުރެވޭނެ ކަމެވެ. ކުރިން ޑޮމެސްޓިކް ޓާމިނަލް ކައިރިން ޕަސިންޖަރުން ބާލައި ނަގަމުން ދިޔަ ނަމަވެސް، ޖުލައި 2025 އިން ފެށިގެން އެކަން ކުރަން ޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައެވެ.
އަދި ހުޅުލޭގެ ދެކުނު ފަރާތުގައި އޮންނަ ކާރު ކިއު، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުރި ކުރީގެ ކާގޯ ޓާމިނަލްގެ ކުރިމައްޗަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ސަރަހައްދުގައި ކިއު ބެލެހެއްޓުމުގެ ކަންކަން، އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، ވީއައިއޭއަށް އަންނަ އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ހުއްޓިއަށް އެކަނި ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.