ސައިންސް / ދުނިޔެ

އުފެދުމުގައި ހުންނަ ނުރައްކާތެރި ބަލިތައް ހުއްޓުވުމުގެ ކާމިޔާބު ތަޖުރިބާއެއްގެތެރެއިން ދުޅަހެޔޮ 8 ކުދިން އުފަންކޮށްފި

އުފެދުމުގައި ހުންނަ ނުރައްކާތެރި ބަލިތައް ހުއްޓުވުމުގެ ކާމިޔާބު ތަޖުރިބާއެއްގެތެރެއިން ދުޅަހެޔޮ 8 ކުދިން އުފަންކޮށްފި

ޑީއެންއޭ ތަޚްލީލްތައް ކުރިއަށް ގެންދަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2025، 06:00

19 ޖުލައި 2025، 06:00

އުފެދުމުގައި ހުންނަ ނުރައްކާތެރި ނާދިރު ބަލިތަކުން ކުދިން ސަލާމަތްކުރުމަށް، ތިން ފަރާތެއްގެ ޑީއެންއޭ ބޭނުންކުރާ ތަޖުރިބާގެ އުސޫލެއްގެ އެހީގައި، ބްރިޓަންގައި އަށް ދުޅަހެޔޮ ކުދިން އުފަންވެއްޖެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުދަދުވަހު ރިޕޯޓްކޮށްފިއެވެ.
މިއީ ތަފާތު ޖެނެޓިކް ބަލިތަކުން ދަރިން ރައްކާތެރިކުރުމަށް، ސައިންސުގެ ދާއިރާއިން ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

އަޅުގަނޑުމެންގެ ސެލްތަކުގެ ނިއުކްލިއަސްގައި ހުންނަ ޑީއެންއޭ އަކީ، މަންމަ އާއި ބައްޕަގެ ފަރާތުން ވާރުތަވާ ޖެނެޓިކް މާއްދާއެވެ. ނަމަވެސް، ސެލްގެ ނިއުކްލިއަސްގެ ބޭރުގައި، "މައިޓޮކޮންޑްރިއާ" ކިޔާ ބައިގައިވެސް ޑީއެންއޭ ހުރެއެވެ. މި މައިޓޮކޮންޑްރިއާގައި ހުންނަ ނުރައްކާތެރި ބަދަލުތަކުގެ ސަބަބުން، ދަރިންނަށް "މަސަލް ވީކްނަސް" ، ފިޓުޖެހުން،ހެދިބޮޑުވުމުގެ ދަތިތަކާއި، ގުނަވަންތައް ފެއިލްވުން ފަދަ ނުރައްކާތެރި ބަލިތައް ކުރިމަތިވެ، މަރުވާ ހިސާބަށްވެސް ދެއެވެ.

މި އާ އުސޫލަކީ، މިފަދަ ބަލިތައް ކުދިންނަށް ވާރުތަވިޔަ ނުދިނުމަށް އެޅޭ ފިޔަވަޅެކެވެ. މިއީ، ބަލި މައިޓޮކޮންޑްރިއާ ހުންނަ މަންމައެއްގެ ބިހުގެ ޖެނެޓިކް މާއްދާ ނަގާ، އެ މާއްދާ ދުޅަހެޔޮ މައިޓޮކޮންޑްރިއާ ހުންނަ ދެވަނަ ބިހަކަށް (ހަދިޔާކުރާ ބިހަކަށް) ބަދަލުކުރުމެވެ. މި ދެވަނަ ބިހުން، މައިޓޮކޮންޑްރިއާ ފިޔަވައި އެހެން ހުރިހާ ޑީއެންއޭއެއް ނެގޭނެއެވެ.

މި އުސޫލު ބޭނުންކުރުމުން، އުފަންވާ ދަރިފުޅުގެ ޑީއެންއޭ، މަންމަ އާއި ބައްޕަގެ އިތުރުން، ދުޅަހެޔޮ މައިޓޮކޮންޑްރިއާ ދިން ފަރާތުގެ ކުޑަ އަދަދެއްގެ ޑީއެންއޭވެސް އެކުލެވޭނެއެވެ. މި ދެވަނަ ފަރާތުގެ ޑީއެންއޭ އުފަންވާ ކުއްޖާގެ ޑީއެންއޭގެ އެކެއް އިންސައްތައަށްވުރެ މަދުވާނެ ކަމަށްވެއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ބްރިޓަންގެ ނިއުކަސަލް ޔުނިވަރސިޓީ އާއި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީގެ މާހިރުންނެވެ. އެފަރާތްތަކުން ބުދަދުވަހު ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ރިޕޯޓްކުރި ގޮތުގައި، 22 މީހެއްގެ ފަރޓައިލް ބިހަށް މި އާ އުސޫލު ބޭނުންކުރިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މައިޓޮކޮންޑްރިއާގެ ބަލިތައް ނެތްކަމަށް ފެންނަ އަށް ތުއްތުކުދިން އުފަންވެފައިވެއެވެ. އަދި އިތުރު އަންހެނެއް އިނީ ބަލިވެއެެވެ.

މި އަށް ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހަށިގަނޑުގައި، އާދަޔާ ހިލާފަށް މަދު އަދަދެއްގެ މައިޓޮކޮންޑްރިއާ ހުރި ކަމަށް، މި ދިރާސާގައި ބައިވެރިވެފައިނުވާ ފްރެންސިސް ކްރިކް އިންސްޓިޓިއުޓްގެ ސްޓެމް ސެލް އަދި ޑިވެލޮޕްމެންޓަލް ޖެނެޓިކްސް ސައިންޓިސްޓް ރޮބިން ލަވްލް-ބެޖް ވިދާޅުވިއެވެ. ނަމަވެސް، މި އަދަދު ބައްޔެއް ކުރިމަތިވާ މިންވަރަށް ނުދާ ކަމަށާއި، ދަރިފުޅު ބޮޑުވަމުން އަންނަނީ ކިހިނެއްތޯ ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގެ ރިޕްރޮޑަކްޓިވް ހެލްތު އެކްސްޕާޓް ޑރ. އެންޑީ ގްރީންފީލްޑް މި މަސައްކަތަށް ސިފަކުރެއްވީ "ސައިންސުގެ އީޖާދެއްގެ ކާމިޔާބީ" އެއްގެ ގޮތުގައެވެ.


މި އުސޫލު ބޭނުންކުރުމަށް، 2016 ވަނަ އަހަރު ބްރިޓަންގެ ޤާނޫނަށް ބަދަލު ގެނައުން ލާޒިމުވިއެވެ. މިހާރު މި އުސޫލު ބްރިޓަންގެ އިތުރުން އޮސްޓްރޭލިއާގައިވެސް ހުއްދަ ނަމަވެސް، އެމެރިކާ ފަދަ ގިނަ ގައުމުތަކުގައި މިއީ ހުއްދަ ކަމެއް ނޫނެވެ. އެމެރިކާގައި ހުއްދަ ނުވަނީ، އުފަންވާ ދަރިފުޅަށް ވާރުތަވާ ގޮތަށް ޖެނެޓިކް ބަދަލު ގެނެވޭ އުސޫލުތަކަށް ހުރި ޤާނޫނީ ހުރަސްތަކުގެ ސަބަބުންނެވެ.

ބްރިޓަންގައި، މި އުސޫލުން ދަރިއަކު ހޯދަން ބޭނުންވާ ކޮންމެ ދެމަފިރިއަކު، ގައުމުގެ ދަރިމައިވުމާބެހޭ ކަންކަން ރެގިއުލޭޓްކުރާ އިދާރާގެ ހުއްދަ ހޯދަން ޖެހެއެވެ. މި މަހު ނިޔަލަށް 35 މީހަކަށް މި އުސޫލު ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވެއެވެ.
މިފަދަ އާ އުސޫލުތަކުން ކުރިމަގުގެ ޖީލުތަކަށް ކުރާނެ އަސަރަކީ ކޮބައިކަން ދެނެގަތުން ނުހުންނާނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް މި އުސޫލު ހުއްދަ ގައުމުތަކުގައި، މިއީ ބައެއް އާއިލާތަކަށް އުންމީދީ ބަދަލެއް ގެނެސްދޭނެ ގޮތެއް ކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ. 2006 ވަނަ އަހަރު މައިޓޮކޮންޑްރިއާގެ ބައްޔެއްގައި އޭނާގެ ދަރިފުޅު ލިލީ މަރުވުމުން އެކަމާ ކުއްޖާގެ މަންމަ ލިޒް ކަރޓިސް ވިދާޅުވީ، އޭނާގެ އަށް މަހުގެ ކުއްޖާއަށް ފަރުވާއެއް ނެތް ކަމަށާއި، އުންމީދެއްނެތް ކަމަށް ބުނުމުން ވަރަށް ހިތްދަތިވި ކަމަށެވެ. ކަރޓިސް ވަނީ އޭނާގެ ދަރިފުޅުގެ ނަމުގައި ލިލީ ފައުންޑޭޝަން އުފައްދާ، މި ބަލިތަކާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަދި ދިރާސާތަކަށް އެހީތެރިވުމަށް މަސައްކަތްކޮށްފައެވެ. އޭނާ ވިދާޅުވީ، "އުންމީދެއް ނެތް އާއިލާތަކަށް މިއީ ވަރަށް އުފާވެރި ޚަބަރެއް" ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން