Ads by Stelco

ޚަބަރު

އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމުގެ މަސައްކަތްތަކަށް، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީގޮތުން ބޮޑު ބަދަލުތަކެއް

އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމުގެ މަސައްކަތްތަކަށް، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީގޮތުން ބޮޑު ބަދަލުތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ޓަރމިނަލް ފޮޓޯ:އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2025، 04:57

19 ޖުލައި 2025، 04:57

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާރމިނަލް ހުޅުވުމުގެ މަސައްކަތްތަކަށް، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީގޮތުން ބޮޑު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް މިރޭގެ 12 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ހާމަކުރައްވާފައެވެ.

ޓްރެފިކް ފްލޯއަށް ގެނެވުނު މުހިންމު ދެ ބަދަލާއި ގުޅޭގޮތުން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ވިދާޅުވީ، މީގެކުރިން ޑޮމެސްޓިކު ފްލައިޓުތަކުން ދަތުރުކުރާ ފަރާތްތަކުން ކާރުގައި އައިސް މަޑުކުރާ ތަން މިހާރު ވަނީ އިންޓަރނޭޝަނަލް ފްލައިޓް ދަތުރުކުރާ ފަރާތްތަކުން ކާރު މަޑުކުރާ ސަރަހައްދަށް ބަދަލުކޮށްފައިކަމަށެވެ. އެގޮތުން ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފްލައިޓުން ދަތުރުކުރާ ފަރާތްތަކުން ކާރުގައި އައިސް ދެން ފައިބަން ޖެހޭނީ މިހާރުގެވެސް އިންޓަރނޭޝަނަލް ފްލައިޓުން ދަތުރުކުރާ ފަރާތްތަކުން ފައިބާ ސަރަހައްދަށެވެ.

އިންޓަރނޭޝަނަލް ފްލައިޓުންނާއި ޑޮމެސްޓިކް ފްލައިޓުން މާލެ އަންނަ ފަރާތްތަކުން ދެން ޓެކްސީ ހޯދަން ދާން ޖެހޭނީ ކުރީގެ ކާގޯ ސަރަހައްދުން ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ. އެމްއޭސީއެލްއިން ވަނީ އެސަރަހައްދުގައި ޓެކްސީ ހޯދާ ފަރާތްތަކަށް ދަތިނުވާނެ ފަދަ ގޮތަކަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

ޓްރެފިކް ފްލޯއަށް މިގެނެވުނު ބަދަލާއެކު އިންދާޒާކުރެވޭ އަޅުގަނޑުމެންގެ ފްލައިޓު މޫވްމަންޓްއާއެކީގަވެސް އުޅޭނެ ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުންނާނެކަން ގަބޫލުކުރެވޭ. މި ބަދަލާއި ދަތިތައް މި ހިދުމަތް ހޯދާފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ އިންތިޒާމުތައްވެސް ވަނީ ރާވާލެވިފައި،

އެމްއޭސީއެލް


މިދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާތްތަކެއް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މާލެއިން އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ހެންވޭރު އެމްޓީސީސީ ފެރީ ޓަރމިނަލްއިން ފެރީގެ ޚިދުމަތް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކުރައްވާފައެވެ. އަދި ހުޅުމާލެއިން އަންނަ ފަރާތްތަކަށް އެމްޓީސީސީ ބަހުގެ ޚިދުމަތް ހަމަޖެހިފައިވާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ގިނަ ތައްޔާރީތަކެއް އެއަރޕޯޓުން ދަނީ ވަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ އެކި ކަންކަން ޓެސްޓުކޮށް ގިނަ ޓްރިއަލްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާގައި، ޖުލައި 26 ގައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން