ޚަބަރު
ފުލުހެއް ވެސް ހިމެނޭގޮތަށް މަސްތުވާތަކެއްޗާއެކު ދެމީހަކު މާލެއިން ހައްޔަރުކޮށްފި

އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ)
މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުންގެ ތެރޭގައި ފުލުހެއް ވެސް ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން 18 ޖުލައިގައި ހިންގި މި އޮޕަރޭޝަނަކީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަސްތުވާތަކެތި ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު އައިޝަތު ޝިޔާޒާއަކީ ފުލުހުންގެ މުއައްސަސާގައި ހިމެނޭ މީހެކެވެ. އެ ދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.
އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާއަށް 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކުރިއިރު، ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ މިހާރު ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.