Ads by Stelco

ޚަބަރު

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެފް.ޑީ.ސީ އިން

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެފް.ޑީ.ސީ އިން

ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢު ފޮޓޯ: މިހާރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2025، 03:50

19 ޖުލައި 2025، 03:50

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ގެދޮރުވެރިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރަނގަޅު އިންތިޒާމުތަކަކާއެކު ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މި މަސައްކަތަށްޓަކައި، ފްލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު އެފް.ޑީ.ސީއާ ޙިއްސާކުރުމުގެ މަސައްކަތް އެ ވުޒާރާއިން ވަނީ ފަށާފައެވެ. އެގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ވުޒާރާއިން އިލްތިމާސްކުރެއްވީ، ޕޯޓަލްއިން ނާންގާ ފަރާތްތަކަށް އެ ވުޒާރާއިން ނުވަތަ އެފް.ޑީ.ސީއިން ނުގުޅާނެ ކަމަށާއި، އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ހުރިހާ ފަރާތްތަކަކުން ސަމާލުވުމަށެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި، ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށްވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފް.ޑީ.ސީއިން އިމާރާތްކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ. މިއީ މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫޢެވެ. މި 32 ޓަވަރު ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑީއާގެ ދެ ކުންފުންޏަކާއެވެ. އޭގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭ.ޕީ.އައި.އެލް) އާ ޙަވާލުކޮށްގެންނެވެ. މި ޓަވަރުތަކަށް ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެން.ބީ.ސީ.ސީ) އާ ޙަވާލުކޮށްގެންނެވެ. އެން.ބީ.ސީ.ސީން ތަރައްޤީކުރަމުންދާ 16 ޓަވަރަށް ދީފައިވަނީ "އަމާން ދޯދި" މި ނަމެވެ.

މި 4000 ފްލެޓް މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. މި ފްލެޓްތަކުގެ ފިނިޝިންގގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަވަރުތަކަށް ބޭނުންވާ ޔޫޓިލިޓީ ޚިދުމަތްތައް ގުޅާލުމުގެ މަސައްކަތެވެ.

4000 ހައުސިންގ ޔުނިޓްގެ "ގެދޮރުވެރިޔާ" މަޝްރޫޢުގައި ފްލެޓް ދީފައިވާގޮތާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން، މި ސަރުކާރުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މި މަސައްކަތް ކުރިއަށްގެންދިޔަގޮތް ވަނީ ބަލާފައެވެ. ކޮމިޓީއިން ނެރުނު ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ފެންނާތީ، އެ ފަރާތްތަކަށް ޖަވާބުދާރީވެ ޝަކުވާ ހުށައެޅުމަށް ވަނީ ފުރުޞަތު ދީފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން