ސައިންސް / ދުނިޔެ
އަމިއްލައަށް ބެޓެރީ ބަދަލުކުރާ ދުނިޔޭގެ ފުރަތަމަ ރޮބޮޓު ޗައިނާއިން ތައާރަފުކޮށްފި

"ވޯކަރ އެސް2"
ޗައިނާއިން ވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް އަމިއްލައަށް ބެޓެރީ ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓެއް ތަރައްގީކޮށްފިއެވެ. "ޔޫބީޓެކް" ކިޔާ ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ މި ހިއުމަނޮއިޑް ރޮބޮޓަށް ނަން ދީފައިވަނީ "ވޯކަރ އެސް2" އެވެ.
ކުންފުނިން ބުނާ ގޮތުގައި، މިއީ އިންސާނެއްގެ އެއްވެސް އެހީތެރިކަމެއް ނެތި އަމިއްލައަށް ބެޓެރީ ބަދަލުކުރާ ދުނިޔޭގެ ފުރަތަމަ ރޮބޮޓެވެ. ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ރޮބޮޓަށް، ބެޓެރީ ބަދަލުކުރުމަށްނަގަނީ އެންމެ 3 މިނެޓުގެ ވަގުތެކެވެ. މިކަމުގެ ސަބަބުން މަސައްކަތް މެދުކެނޑޭ ވަގުތު މަދުވެ، ބެލެހެއްޓުމާއި މަސައްކަތް ކުރުމުގެ ޚަރަދު ކުޑަވެއެވެ.
ޔޫބީޓެކުން ބުނާ ގޮތުގައި، މި ރޮބޮޓުގައި "ޑުއަލް-ބެޓެރީ ޕަވަރ ބެލެންސް ޓެކްނޮލޮޖީ" ހަރުކޮށްފައިވެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ރޮބޮޓަށް ބެޓެރީގެ މިންވަރު ލައިވްކޮށް ވަގުތުން ބަލައި، ބޭނުންވާ ވަގުތު ބެޓެރީ ބަދަލުކުރުމަށް ނުވަތަ ރީޗާޖު ކުރުމަށް ފުރުސަތު ލިބެއެވެ. މީގެ އިތުރުން "ކުއިކް-ޗާޖް ބެޓެރީ މޮޑިއުލް" ހިމެނޭތީ، ބެޓެރީ ބަދަލުކުރުން އަވަސްވެއެވެ. ކުންފުނިން ދައުވާކުރާ ގޮތުގައި، މި އާ ޓެކްނޮލޮޖީގެ ސަބަބުން ރޮބޮޓަށް 24 ގަޑި އިރަށް މެދުނުކެނޑި މަސައްކަތް ކުރެވޭނެއެވެ.