ޚަބަރު
ފައިސާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ފުލުހުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ:ސަން އޮންލައިން
ލޮނުޒިޔާރަތް މަގުން މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލައަކާ ގުޅިގެން ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ޖުލައި 18، 2025 ވީރޭ 23:57 ހާއިރު، ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި، އޭނާގެ އެކައުންޓުގައި ހުރި 200 ރުފިޔާ ޓްރާންސްފަރ ކުރުވި މައްސަލައެކެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، ފައިސާ ފޭރިގަތް ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނެވެ. މި މައުލޫމާތާ ގުޅިގެން އެ ގެއަށް ފުލުހުން ވަންނަން އުޅުމުން، ފުލުހުންނާ ކުރިމަތިލައި މާރާމާރީއެއް ހިންގާފައިވާކަމަށް ފުލުހުން ބުނެއެވެ. މިހެންވެ، ބާރުގެ ބޭނުންކޮށް، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ދެމީހަކު ވަނީ ހައްޔަރުކޮފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޫނު އަތޮޅު ވެލިދޫ، ފަރީސާ މަންޒިލް، ޙަސަން ލުޖެއިން މުޙައްމަދު (23 އަހަރު) އާއި މާލޭ، ކަނޑުފިނިގޭ، މުޙައްމަދު ޝަފީޢު (55 އަހަރު) އެވެ. މި ދެމީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެދެމީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އަދި ފުލުސް އޮފިސަރަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަނިޔާވުމާ ގުޅިގެން ހައްޔަރުކުރި މީހުންނަށާއި، ފުލުސް އޮފިސަރަށް ވަނީ ފަރުވާ ދީފައެވެ.
ހައްޔަރުކުރި މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި ފައިސާ ފޭރުމުގެ މައްސަލައާއި، ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.