ދުނިޔެ
ހަނގުރާމަ ފެށިފަހުން ޣައްޒާގައި އަލަށް އިމްތިޙާނެއް ބާއްވައިފި

ހަމަލާތަކުގެ ސަބަަބުން ހަލާކުވެފައިވާ ޣައްޒާގެ އަލް ފަލާޙް ސްކޫލް
ހަނގުރާމަ ފެށިފަހުން ޣައްޒާގައި އަލަށް އިމްތިޙާނެއް ބާއްވައިފިއެވެ.
ޣައްޒާގެގެ އެޑިޔުކޭޝަން މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި ސާނަވީ ތަޢުލީމު ނިންމާ މުހިންމު އިމްތިހާނުގައި، ޔުނިވަރސިޓީ ތަޢުލީމު ހާސިލުކުރުމުގެ އުންމީދުގައި ސަތޭކަ އަދަދެއްގެ ފަލަސްތީނު ދަރިވަރުން ބައިވެރިވިއެވެ.
2023 ވަނަ އަރުގެ އޮކްޓޯބަރު މަހު ހަމާސް އިސްވެ ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ފެށުނު ފަހުން، މި އިމްތިހާނަކީ ފުރަތަމަ ފަހަރަށް ބޭއްވޭ އިމްތިހާނެވެ. މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، 1،500 އެއްހާ ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވެފައިވެއެވެ. އަދި މި އިމްތިހާނު ބޭއްވެނީ ޚާއްސަ ސޮފްޓްވެއަރއެއް މެދުވެރިކޮށް އޮންލައިންކޮށެވެ.
އިސްރާއީލުގެ ދުވަހުން ދުވަހަށް ދެމުންދާ ހަމަލާތަކަށް ރިޢާޔަތްކޮށް، ސަލާމަތީ ކަންކަމަށް ބެލުމަށްފަހު، ބައެއް ދަރިވަރުން އިމްތިހާނު ހަދަނީ ގޭގައި ތިބެގެންނެވެ. އަނެއްބައި ދަރިވަރުން އިމްތިހާނު ހަދަނީ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ އިމްތިހާނު މަރުކަޒުތަކުގައެވެ.
ދެއިރު އެލް-ބަލާހުން އަލްޖަޒީރާއަށް ރިޕޯޓުކުރި ޠާރިޤު އަބޫ އައްޒޫމް ބުނީ، ފަލަސްތީނު ދަރިވަރުންނަށް މި އިމްތިހާނަކީ މަތީ ތަޢުލީމާއި، ސްކޮލަރޝިޕްތަކާއި، އިސްރާއީލުގެ ބްލޮކޭޑުން އެތެރެވުމަށް އޮތް މުހިންމު ދޮރެއް ކަމުގައެވެ. "ހަނގުރާމައިގެ މާހައުލެއްގައި، ކްލާސްރޫމްތަކެއް ނެތި، ފޮތްތަކެއް ނެތި، އަދި އިންޓަރނެޓްގެ ޚިދުމަތް ވެސް ރަނގަޅަށް ނުލިބޭ ހާލުގައި ވެސް، ޣައްޒާގެ ދަރިވަރުން އިމްތިހާނަށް ހާޒިރުވެ، ލޮގިންވެ، އިމްތިހާނު ހަދަމުންދަނީ އެމީހުންގެ މުސްތަޤުބަލު ހަނގުރާމައިން ފޮހެނުލުމަށް ކުރާ މަސައްކަތުގެ ގޮތުގައި" އޭނާ ބުންޏެވެ.
ނަމަވެސް ދަރިވަރުން ދަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. "އަޅުގަނޑުމެން އޮންލައިންކޮށް އިމްތިހާނު ހަދަނީ، އެކަމަކު ވަރަށް އުނދަގޫ އިންޓަރނެޓް ވަރަށް ދަށް، ގިނަ ދަރިވަރުންގެ އަތުގައި ޑިވައިސްތަކެއް ނެތް، އަދި އިމްތިހާނު ހެދުމަށް ރައްކާތެރި ތަނެއް ވެސް ނެތް. އަދި ބޮންގޮށްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ފޮތްތައް ވެސް ގެއްލިއްޖެ." އިމްތިހާނު ހެދި ދަރިވަރު ދުހާ ހަޠާބު ބުންޏެވެ.
މި ހާލަތުގައި ވެސް، ބައެއް މުދައްރިސުން ވަނީ ގެއްލުންވެފައިވާ ކްލާސްރޫމްތައް އަލުން ހުޅުވައި، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. "މިއީ މިނިސްޓްރީން އޮންލައިންކޮށް މިކަން ކުރާ ފުރަތަމަ ފަހަރު، އަދި ދަރިވަރުން ވަރަށް ބޮޑަށް އޮޅުންއަރާފައި ތިބީ. އެހެންވީމާ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ފިޔަވަހިން ފިޔަވައްސަށް އެ ކުދިންނަށް އިރުޝާދު ދިނުމަށް،" މުދައްރިސާ އިނާމް އަބޫ ސްލީސާ ވިދާޅުވިއެވެ.