ދުނިޔެ
ހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި 69 ކުދިން ނިޔާވެއްޖެ

ޣައްޒާގައި ބަނޑުހައިހޫނު ކަމުގެ ސަބަބުން އެޑްމިޓްކުރެވިފައިވާ ކުޑަ ކުއްޖެއް
އިސްރާއިލުން ޣައްޒާގެ ދޮރުތައް ބަންދުކޮށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވަނަ ނުދީ ބަންދުކުރުމުގެ ސަބަބުން ހައިހޫނުކަން ބޮޑުވެ ކާބޯތަކެއްޗަށް ޖެހި ޣައްޒާގެ 69 ކުއްޖަކު ނިޔާވެއްޖެއެވެ.
ޣައްޒާގެ މެދުތެރޭގައި ހުންނަ ދެއިރުލް ބަލަހުގައި ހުންނަ ޝުހަދާއުލް އަޤްސާ ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލެއް ވިދާޅުވި ގޮތުގައި އެހޮސްޕިޓަލުގައި ފަރިވާދެމުންދިޔަ އަހަރާއި ދެމަސް ވެފައިވާ ސަނާ އަލް-ލަހާމް ނިޔާވެފައިވަނީ ކާބޯތަކެތި ނުލިބުމުގެ ސަބަބުންނެވެ. އިސްރާއީލުގެ ޚިޞާރު 139 ވަނަ ދުވަހަށް ދިގުދެމިގެން ގޮސްފައިވާއިރު ބަނޑުހައިހޫނުކަމުގެ ސަބަބުން ނިޔާވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދެއެވެ.
ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ނިޔާވެފައިވާ ކުޑަކުދިންގެ އަދަދު 69 އަށް އަރާފައިވެއެވެ. އަދި ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބުމުގެ ސަބަބުން 620 ބަލިމީހުން ނިޔާވެފައިވެއެވެ.
އިސްރާއީލުން ވަނީ ޣައްޒާއަށް ވަދެވޭ ހުރިހާ މަގެއް ބަންދުކޮށްފައެވެ. ވޭތުވެދިޔަ 139 ދުވަހުގެ ތެރޭގައި 76،450 އިންސާނީ އެހީއާއި ތެލުގެ ޓްރަކު ޣައްޒާއަށް ވަނުން ވަނީ ހުއްޓުވާފައެވެ. މީޑިއާ އޮފީހުން ބުނާ ގޮތުގައި 42 ހިލޭސާބަހަށް ކާންދޭ ތަނަކާއި 57 ކާބޯތަކެއްޗާއި އެހީ ބަހާ މަރުކަޒު އިސްރާއީލްގެ ހަމަލާތަކުގެ އަމާޒަކަށް ވެފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެހީގެ ޤާފިލާތަކަށް 121 ފަހަރު ހަމަލާދީފައިވެއެވެ.
އެމެރިކާ-އިސްރާއީލް "އެހީގެ މަރުކަޒުތަކުގައި" 877 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަމަށް އޮފީހުން ރިޕޯޓުކޮށްފައިވެއެވެ. މިފަދަ ހާދިސާތަކުގައި މަދުވެގެން 5،666 މީހުން ޒަޚަމްވެފައިވާއިރު، 42 މީހުން އަދިވެސް ވަނީ ގެއްލިފައެވެ.
ޣައްޒާގެ 650،000 ކުޑަކުދިން މިހާރު ވަނީ ބަނޑުހައިހޫނުކަމާއި ނުބައި ކެއުމުގެ ސަބަބުން މަރުވުމުގެ ނުރައްކަލާ ކުރިމަތިވެފައެވެ. މި ހާލަތު އެންމެ ނުރައްކާތެރީ ކެންސަރު ޖެހިފައިވާ 12،500 މީހުންނާއި، ރަނގަޅު ފަރުވާއާއި ކެއުން ނުލިބޭ 60،000 މާބަނޑު އަންހެނުންނަށެވެ.
ގަވަރމަންޓް މީޑިއާ އޮފީހުން މި ގަސްތުގައި ހިންގާ ބަނޑުހައިހޫނުކަމުގެ ކެމްޕޭން ކުށްވެރިކޮށް، މި އިންސާނީ ކާރިސާގެ ފުރިހަމަ ޒިންމާ އިސްރާއީލު ނަގަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެމެރިކާ، ޖަރުމަނު އަދި ފްރާންސްވެސް އެމީހުންގެ ހަނުހުރުމާއި، އެހީތެރިކަމާއި، ސިޔާސީ ރައްކާތެރިކަން ދިނުމުގެ ސަބަބުން މިކަމުގައި ބައިވެރިވާކަމަށް ބުނެފައިވެއެވެ.