ކޮލަމް
މަައިދާގެ ދުޅަހެޔޮކަމަށް ލޮނުމެދުގެ ފައިދާތައް

ލޮނުމެދު
ލޮނުމެދަކީ ރަހަ ގަދަ، ވަސް ގަދަ، އަދި މަޑު ރީނދޫ ކުލައެއްގެ ތަރުކާރީގެ ބާވަތެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ. ކެއުމުގައި ލޮނުމެދު ދެގޮތަަކަށް ބޭނުންކުރެވެއެވެ. އެއީ ތާޒާކޮށް އަދި ކެއްކުމުގައެވެ. މީގެ އިތުރުން ތަފާތު ސޯސްތައް ހެދުމަށް ވެސް ލޮނުމެދު ބޭނުންކުރެއެވެ.
ލޮނުމެދުގައި އެކުލެވޭ މުހިންމު ކާނާގެ ބާވަތްތަކާއި، ބެކްޓީރިއާ މަރާ ބާރުގެ ސަބަބުން މައިދާގެ ދުޅަހެޔޮކަމަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. މީގެ ތެރޭގައި މައިދާގައި ހުންނަ ބެކްޓީރިއާ އާއި ޖަރާސީމު މެރުން، ހަޖަމުކުރުމަށް ފަސޭހަކޮށްދިނުން، ބަނޑުގައި ޖަމާވާ ވައި ނައްތާލުން، ބަނޑުހަރުވުމުގެ މައްސަލަ ޙައްލުކުރުން ހިމެނެއެވެ.
މައިދާގެ ދުޅަހެޔޮކަމަށް ލޮނުމެދު ބޭނުންކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ހެނދުނު ހުސްބަނޑާހުރެ ލޮނުމެދު ކެއުމެވެ. މީގެ އިތުރުން ލޮނުމެދުގެ ޖޫސް ފެނާއި އެކު ބުއިމަކީވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. ލޮނުމެދު ކެއުމުން އަނގަގައި ހަރުލާ ލޮނުމެދުގެ ވަސް ފިލުވުމަށް މިންޓް ޗުއިންގަމް ބޭނުންކުރެވިދާނެއެވެ.
ލޮނުމެދަކީ މައިދާގެ ދުޅަހެޔޮކަމުގެ އިތުރުން މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމާއި، ހަމުގެ ދުޅަހެޔޮކަމާއި، އަދި ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުން ހިމެނެއެވެ.