ދުނިޔެ

ރޭ ފަތިހުން ފެށިގެން މިހާތަނަށް ޣައްޒާގައި 22 މީހަކު ޝަހީދުވެއްޖެ

ރޭ ފަތިހުން ފެށިގެން މިހާތަނަށް ޣައްޒާގައި 22 މީހަކު ޝަހީދުވެއްޖެ

އިސްރާއިލުން ދިން ހަމަލާއެއްގެ މަންޒަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 05:26

17 ޖުލައި 2025، 05:26

މިއަދުގެ ފަތިހުން ފެށިގެން އިސްރާއިލުން ދެމުންދާ ޙަމަލާތަކުގައި ފަލަސްޠީނުގެ 22 ރައްޔިތުން ޝަހީދުވެއްޖެކަމަށް ޣައްޒާގެ ޞިއްޙީ ވަސީލަތްތަކުން މަޢުލޫމާތުދީފިއެވެ.

 މި ޙަމަލާތައް ދެމުންދަނިކޮށް، އދ އިން ވަނީ ޣައްޒާގެ އިންސާނީ ޙާލަތު ނުރައްކާތެރި ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުން ހާމަކުރި ގޮތުގައި، މިއަދު ފަތިހުން ފެށިގެން ޝަހީދުވި މީހުންގެ ތެރެއިން 13 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގެ މެދު ސަރަޙައްދުގައެވެ. އެމްބިއުލާންސް ޚިދުމަތުން ބުނާ ގޮތުގައި، އިތުރު 8 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވަނީ ޣައްޒާގެ އުތުރުގައި ހުރި އަލް-ތަވާމް ސަރަޙައްދުގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް އިސްރާއިލްގެ ޑްރޯންތަކުން ދިން ޙަމަލާއެއްގައެވެ.

އަލް-ޒައިތޫން ސަރަޙައްދުގައި ހުރި އެޕާޓްމަންޓަކަށް ދިން ވައިގެ ޙަމަލާއެއްގައި 4 ފަލަސްޠީނުން ޝަހީދުވިއެވެ. އަދި އަލް-ބުރައިޖް ކޭމްޕްގައި ހިނގި ޙަމަލާއެއްގައި 5 ފަލަސްޠީނުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

އދ ގެ ކުއްލި ޙާލަތުގެ އެހީގެ ކޯޑިނޭޓަރު ޓޮމް ފްލެޗަރ ވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލްގައި ވާހަކަދައްކަވަމުން، ޣައްޒާގެ އިންސާނީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އިސްރާއިލަކީ ޣައްޒާ ހިޞާރު ކޮށްގެން އޮތް ބާރު ކަމުގައިވާތީ، އެ ސަރަޙައްދުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމަކީ އެ ޤައުމުގެ ޒިންމާއެކެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއިލުން ވަނީ އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް ހިންގަމުން ގެންގޮސްފައެވެ. މިހާތަނަށް 198،000 އަށްވުރެ ގިނަ ފަލަސްޠީނުން ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން