ދުނިޔެ
އެއަރ އިންޑިއާ ވެއްޓުނު ޚާދިސާ: ކެޕްޓަން ގަސްތުގައި ތެޔޮ ހުއްޓުވާލީ ކަމަށް ބްލެކް ބޮކްސް ރެކޯޑިންގްތަކުން ހާމަވެއްޖެ!

ޑްރީމްލައިނަރ އެއަރލައިނެއްގެ ފިއުލް ކޮންޓްރޯލް ސްވިޗު
މިއަހަރުގެ ޖޫން 12 ގައި އިންޑިއާގެ އަހުމަދާބާދުން ލަންޑަނަށް ދަތުރުކުރަން ފުރި އެއަރ އިންޑިއާގެ ބޯއިން ޑްރީމްލައިނަރ މަތިންދާބޯޓު ފުރިތާ މާގިނައިރުތަކެއް ނުވެ ވެއްޓުނު ނުރައްކާތެރި ޚާދިސާގައި، ބޯޓުގެ ކެޕްޓަންގެ ފަރާތުން ނުރައްކާތެރި އަމަލެއް ހިނގާފައިވާ ކަމަށް ބްލެކް ބޮކްސް ރެކޯޑިންގްތަކުން ހާމަވެއްޖެ އެވެ.
މަތިންދާބޯޓު ވެއްޓުނު ޚާދިސާގައި ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން 241 މީހުން މަރުވެފައިވާއިރު، ބޯޓު ބިމަށް ވެއްޓުނު ތަނުގައިތިބި މީހުން ވެސް ވަނީ މަރުވެފަ އެވެ.
އެމެރިކާގެ ކަމާބެހޭ އޭވިއޭޝަން އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮކްޕިޓް ވޮއިސް ރެކޯޑަރ (CVR) އިން އެނގޭ ގޮތުގައި، ކެޕްޓަން ސުމީތު ސަބަރްވާލް ވަނީ އަތުން ދެ އިންޖީނުގެ ވެސް ތެޔޮ ހުއްޓުވާލާފަ އެވެ. މިކަން ހިނގާފައިވަނީ މަތިންދާބޯޓު އުދުހެމުން ދަނިކޮށް ކަމަށް ވެއެވެ. މި އަމަލުގެ ސަބަބުން ބޯޓު ވެއްޓި ބޮޑު ޚާދިސާއެއް ހިނގީ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.
ރެކޯޑިންގްތަކުން އެނގޭ ގޮތުގައި، ފަސްޓް އޮފިސަރު ކްލައިވް ކުންޑަރު ވަނީ ތެޔޮ ކަނޑާލުމަށް ބޭނުންކުރާ ސްވިޗްތައް ކެޕްޓަން އޮފްކުރީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. މި ސުވާލު ކުރިއިރު ކުންޑަރު ހުރީ ހައިރާންކޮށް ކަމަށާއި، ފަހުން އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށް ވެސް ރެކޯޑިންގްތަކުން އެނގެ އެވެ. ނަމަވެސް މިވަގުތު ކެޕްޓަން ސަބަރްވާލް ހުރީ ވަރަށް ހަމަޖެހިފައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
56 އަހަރުގެ ކެޕްޓަން ސުމީތު ސަބަރްވާލް އަކީ ވަރަށް ތަޖުރިބާކާރު ޕައިލެޓެކެވެ. އޭނާ ޖުމްލަ 15,638 ގަޑިއިރުގެ ފްލައިޓް އެކްސްޕީރިއަންސް ހުރި ކަމަށާއި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އަކީ ބޯއިން މަތިންދާބޯޓުތަކުގައި ކުރެވިފައިވާ ދަތުރުތައް ކަމަށް ވެއެވެ. އޭނާއާ އަޅާ ބަލާއިރު، ފުރަތަމަ އޮފިސަރު ކްލައިވް ކުންޑަރުގެ ފްލައިން ގަޑިތައް ހުރީ އެންމެ 3,403 ގަޑިއިރަށެވެ.
ކެޕްޓަން ސަބަރްވާލް 1994 ވަނަ އަހަރު އެއަރ އިންޑިއާއާ ގުޅިފައިވާއިރު، އޭނާ މަސައްކަތްކުރަމުން ދިޔައީ ޖޫނިއަރ ޕައިލެޓުންނަށް ތަމްރީނު ދޭ ލައިން ޓްރެއިނިންގ ކެޕްޓަނެއްގެ ގޮތުގަ އެވެ. އޭނާއަކީ ކައިވެނި ނުކުރާ މީހެއް ކަމަށާއި، ރިޓަޔަރ ކުރަން މަދު މަސްކޮޅަކަށް ވެފައި ވަނިކޮށް މި ހާދިސާ ހިނގީ ކަމަށްވެއެވެ. ދަތުރު ފެށުމުގެ ކުރިން އޭނާގެ ބައްޕައަށް ފޯނުކޮށްފައި ބުނެފައިވަނީ "ލަންޑަނަށް ޖެއްސުމަށް ފަހު ގުޅާނަން" ކަމަށެވެ.
32 އަހަރުގެ ފަސްޓް އޮފިސަރު ކްލައިވް ކުންޑަރު އަކީ ކުޑައިރުއްސުރެ ޕައިލެޓަކަށް ވުމުގެ ހުވަފެން ދެކެމުން އައި މީހެކެވެ. އޭނާ ދެމަސް ދުވަހުގެ ތެރޭގައި ކައިވެނިކުރަން ވަނީ ހަމަޖެހިފަ އެވެ. އޭނާގެ މަންމަ އަކީ ކުރިން އެއަރ އިންޑިއާގައި ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
ފާއިތުވި ހަފްތާގައި އިންޑިއާގެ ތަކްޤީގުކުރާ ފަރާތްތަކުން ވަނީ މި ހާދިސާއާ ބެހޭ ގޮތުން އިބްތިދާއީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ކޮކްޕިޓްގައި ތިބި ދެ ޕައިލެޓުންގެ މެދުގައި އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި މިކަން ތަފްސީލްކޮށް ބުނެފައެއް ނުވެ އެވެ. އެ ރިޕޯޓުގައި ހިމެނޭ ކުރު ވާހަކަ ކޮޅުން އެއް ޕައިލެޓު ސުވާލުކޮށްފައިވަނީ "ކީއްވެ ތި ސްވިޗްތައް އޮފްކުރީ؟" ކަމަށާއި، އަނެއް ޕައިލެޓު ޖަވާބު ދީފައިވަނީ "ތެޔޮ ކަނޑާނުލަން" ކަމަށެވެ. ނަމަވެސް އެމެރިކާގެ ފަރާތްތަކުން މިހާރު ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކަނީ ކެޕްޓަން ސަބަރްވާލް ގަސްތުގައި ސްވިޗްތައް އޮފްކުރީ ކަމަށެވެ.
މި ޚާދިސާގައި މަރުވި 241 މީހުންގެ ތެރެއިން 53 މީހުންނަކީ ބްރިޓިޝް ރައްޔިތުންނެވެ. ބޯޓު ވެއްޓުނުއިރު ބޯޓުގައި ތިބި މީހުންގެ ތެރެއިން ދިރިހުރި ހަމައެކަނި މީހަކީ 11އޭ ސީޓުގައި އިން ބްރިޓިޝް-އިންޑިއަން ދަތުރުވެރިޔެކެވެ. މަތިންދާބޯޓު ވެއްޓުނީ މެޑިކަލް ކޮލެޖެއްގެ އިމާރާތަކަށެވެ.
މި އާ މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް ބޯއިން، އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޑީ.ޖީ.ސީ.އޭ)، ނުވަތަ އެއަރ އިންޑިއާ އިން ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.