ދުނިޔެ
އިސްރާއީލުން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއް : ޢަރަބި ޕާލިމެންޓް

ޢަރަބި ޕާލިމެންޓް
ސީރިއާއާއި ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުކަމަށާއި، ދައުލަތްތަކުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ޢަރަބި ޕާލިމެންޓުން ބުނެފިއެވެ. އިސްރާއީލުން ތަކުރާރުކޮށް ދެމުންދާ މިފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއް ކަމަށާއި، މުޅި ސަރަހައްދުގެ އަމާންކަމަށާއި ދައުލަތްތަކުގެ މިނިވަންކަމަށް ނުރައްކާކުރާ ކަންތައްތަކެއް ކަމަށް ޢަރަބި ޕާލިމެންޓުން ވަނީ ބުނެފައެވެ.
އިސްރާއީލުން ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ސީރިއާގެ ދިފާޢީ ވުޒާރާގެ އިމާރާތް ކައިރިއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުގެ ސިފައިން ބުނީ، މި ހަމަލާތަކުގެ މަޤްސަދަކީ ސީރިއާ ސަރުކާރުގެ ފައުޖުތަކުން ދުރޫޒްގެ މަދު ނަސްލުގެ މީހުންނަށް ގެއްލުންދިނުން ހުއްޓުވުން ކަމަށެވެ. މިއީ ސީރިއާއަށް އިސްރާއީލުން ޖެހިޖެހިގެން ހަމަލާދިން ތިންވަނަ ދުވަހެވެ. ސީރިއާގެ ދެކުނުގެ ޝަހަރެއް ކަމަށްވާ ސުވައިދާގައި ސީރިއާ ސަރުކާރުގެ ސިފައިންނާއި ދުރޫޒް ހަނގުރާމަވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ.
ފްރާންސްގެ ޚަބަރު އެޖެންސީ (އޭއެފްޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިމިޝްގުގެ ސިޓީ ސެންޓަރުގައި ހުންނަ އިމާރާތަކަށް އިސްރާއީލުގެ ވައިގެ ހަމަލާއެއް ދިނުމުން ވަރަށް ބާރަށް ގޮވި އަޑު އިވިފައިވެއެވެ. ސީރިއާގެ އޮފިޝަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަދުވެގެން ދެ ޑްރޯން ހަމަލާ ދީފައިވާއިރު، އެ ހަމަލާތަކުން ދެ އާދައިގެ ރައްޔިތަކަށް އަނިޔާވެފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ސިފައިންނަށް ބިމު އަޑީގައިވާ ތަންތަނަށް ދާން މަޖުބޫރުވިއެވެ.
އިސްރާއީލުގެ ސިފައިން ބުނެފައި ވަނީ، ސީރިއާގެ އަސްކަރީ މައި މަރުކަޒުގެ މައި ދޮރޯއްޓަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށާއި، ސީރިއާ ސަރުކާރުގެ ފައުޖުތަކުން ސީރިއާގެ ދެކުނުގައި ދުރޫޒް ރައްޔިތުންނަށް މުޢާމަލާކުރާ ގޮތް ގާތުން ބަލަމުންދާ ކަމަށެވެ.
އަލްޖަޒީރާއިން ދުރަށް ދެއްކި ފޮޓޯތަކުން ދިމިޝްގުގައި ހުންނަ ދިފާޢީ ވުޒާރާގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ މަންޒަރު ފެނިފައިވެއެވެ. ސީރިއާގެ ދައުލަތުގެ މީޑިއާއާއި ހެކިވެރިން ބުނި ގޮތުގައި، އިސްރާއީލުގެ ހަމަލާތައް ސުވައިދާއަށް ވެސް ވަނީ ދީފައެވެ. ސުވައިދާގައި އަންގާރަ ދުވަހުގެ ރޭ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، ކުރިމަތިލުންތައް ވަނީ ކުރިއަށް ގޮސްފައެވެ.
ބުދަ ދުވަހު ޢަރަބި ޕާލިމެންޓުގެ ވެބްސައިޓުން ނެރުނު ބަޔާނެއްގައި މި ހަމަލާތައް ކުށްވެރިކޮށްފައި ވަނީ، އިސްރާއީލުން ނިޒާމީ ގޮތެއްގައި ދެމުންދާ ހަމަލާތަކެއްގެ ގޮތުގައެވެ. ބަޔާނުގައި ބުނެފައި ވަނީ، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އ.ދ. އާއި ސަލާމަތީ ކައުންސިލުގެ ގަރާރުތަކަށް ބެލުމެއްނެތި، ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުވަން މަސައްކަތްކުރާ ކަމަށެވެ.
ޢަރަބި ޕާލިމެންޓުން ވަނީ ސީރިއާއާއި ލުބުނާނުގެ މިނިވަންކަމާއި ސަރަހައްދީ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަން ދިފާޢުކުރުމުގައި އެ ދެ ޤައުމަށް ފުރިހަމަ ތާއީދުކުރާ ކަމަށް ހާމަކޮށްފައެވެ. އަދި އިސްރާއީލުން ޢަރަބި ސަރަހައްދުތަކަށް ދެމުންދާ އަސްކަރީ ހަމަލާތައް ހުއްޓުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ޢަރަބި ޕާލިމެންޓުން ވަނީ ގޮވާލާފައެވެ.
ޢަރަބި މިނިވަންކަމަށް އުނިކަން އަންނަ ހުރިހާ ޢަމަލުތަކަކާ ދެކޮޅުކަން ހާމަކޮށް، ދައުލަތްތަކުގެ މިނިވަންކަމާއި ޤާނޫނުތަކަށް އިހުތިރާމްކުރުމަށް ވެސް ޕާލިމެންޓުން ވަނީ ގޮވާލާފައެވެ. ސަރަހައްދުގެ ދެމެހެއްޓެނިވި ސުލްހަ ބިނާވެފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނާއި ދައުލަތްތަކުގެ މިނިވަންކަމާއި ޢަރަބި ޤައުމުތަކުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ނުފޯރުވުމުގެ މައްޗަށް ކަމަށް ވެސް އެ ޕާލިމެންޓުން ވަނީ ފާހަގަކޮށްފައެވެ.