ދުނިޔެ
21 މީހުން ނިޔާވި ހާދިސާއާއި ގުޅުމެއް ނެތްކަމަށް ޖީއެޗްއެފުން ބުނުމުން ޣައްޒާ ސަރުކާރުން އެކަން ކުށްވެރިކޮށްފި

އެހީ ބަހާ މަރުކަޒެއްގެ ކައިރީގައި ބަޔަކު އެއްވެފައި
ޣައްޒާގެ ދެކުނުގައި ހުންނަ އެހީ ބަހާ މަރުކަޒެއްގައި މަދުވެގެން 21 މަދަނީ ރައްޔިތުން މަރުވި ހާދިސާއާ ގުޅުމެއް ނެތް ކަމަށް އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަން ލިބިގެން ހިންގާ ޖީއެޗްއެފް (ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން) އިން ބުނުމާ ގުޅިގެން ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން އެ ޖަމިއްޔާއަށް ފާޑުކިޔައިފިއެވެ.
ލިބިފައިވާ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، ރަފާގެ އުތުރުގައި ހުންނަ ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒު ހުޅުވުމާއެކު، ކާބޯތަކެތި ނުލިބި ބަނޑުހައިވެފައި ތިބި ގިނަ އަދަދެއްގެ މީހުން އެތަނަށް އެއްވިއެވެ. އެހީ ހޯދަން އައި މީހުން ތޮއްޖެހުނު ވަގުތު، އެމެރިކާގެ މަރސެނަރީން ގޭޓު ލައްޕާލައި، ޕެޕަރ ސްޕްރޭ އާއި ދެމުން ގެންދިޔައެވެ. މީގެ ސަބަބުން ބޮޑު ހަލަބޮލިކަމެއް އުފެދި، ގޭހުގެ ސަބަބުންނާއި ތޮއްޖެހުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވެއެވެ.
މި ހާދިސާގެ ސަލާމަތްވި މީހުން ބުނާ ގޮތުގައި، އެމެރިކާގެ މަރސެނަރީން ގަސްދުގައި ގޭޓު ބަންދުކޮށް، އެހީ ހޯދަން އައި މީހުންނަށް ޕެޕަރ ސްޕްރޭ އާއި ކަރުނަ ގޭސް ޖެހިއެވެ. މީގެ ސަބަބުން ހާސްކަން އުފެދި، މީހުން އެކަކު އަނެކަކުގެ މައްޗަށް އަރައި، ގިނަ ބަޔަކު މަރުވިއެވެ. ސިއްޙީ ފަރާތްތަކުން ހާމަކުރާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން މަސްތަކެއް ވަންދެން ބަނޑުހައިވެފައި ތިބި ޢާއިލާތަކުގެ ބަފައިންނެވެ.
ޖީއެޗްއެފްއިން މި ހާދިސާއާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މަރުވި 19 މީހުން މަރުވީ ތޮއްޖެހުމުގެ ސަބަބުން ކަމަށާއި، އެކަކު މަރުވީ ވަޅިން އަމިއްލަ ނަފްސާ ހަމަލާދީގެން ކަމަށެވެ. އަދި ހަމާސްއާ ގުޅުން ހުރި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ގަސްދުގައި މި ހަލަބޮލިކަން އުފެއްދި ކަމަށް އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފައިވެއެވެ.
ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން މި ބަޔާނާ ދެކޮޅަށް ވާހަކަދައްކައި، ހާދިސާ ހިނގާފައިވާ ގޮތް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. އެގޮތުން 21 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 15 މީހުން މަރުވެފައިވަނީ ނޭވާ ހާސްވެގެން ކަމަށާއި 6 މީހުން މަރުވެފައިވަނީ ސީދާ ވަޒަން ޖެހިގެން ކަމަށް ބުނެފައިވެއެވެ. އަދި މި ހާދިސާގައި 14 ހެކިވެރިންގެ ބަޔާންތަކުން މި ކަންކަން ޔަޤީންކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.