ދުނިޔެ
ސިޔާސީ ބާރު ދެމެހެއްޓުމަށް ނަތަންޔާހޫ ހަނގުރާމަ ދިގުދެމިގެންދާން ދޫކޮށްލި: ނިއުޔޯކް ޓައިމްސް

ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުނު މުހިންމު ހުށަހެޅުމެއް ބާކީކޮށްލިކަމަށް ނިއުޔޯކް ޓައިމްސްގެ ތަހުޤީޤީ ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
110 އަށްވުރެ ގިނަ އިސްރާއީލްގެ އޮފިޝަލުންނާއި، ބޭރުގެ ޑިޕްލޮމެޓުންނާއި އަދި އެތެރޭގެ ފަރާތްތަކާއެކު ކުރެވުނު އިންޓަވިއުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހަނގުރާމަ ފެށި ހަ މަސް ފަހުން، 30 އަށްވުރެ ގިނަ އިސްރާއީީލްގެ ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމާއެކު ހަނގުރާމަ ހުއްޓާލުމުގެ މުހިންމު ހުށަހެޅުމެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައި އޮތެވެ.
ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނައަޅާފައިވާ ކޯލިޝަން ބައިވެރިން، ޚާއްޞަކޮށް މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗްގެ ފަރާތުން ކުރިމަތިވި ބާރުގަދަ އިދިކޮޅުވުމާ ގުޅިގެން މި ހުށަހެޅުން ކުއްލިއަކަށް ބާޠިލުކުރެވުނެވެ. ސްމޮޓްރިޗް އިންޒާރުދިން ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެނަމަ ސަރުކާރު ވެއްޓޭނެއެވެ.
ތަހުޤީޤުން ދައްކާގޮތުގައި ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ސްމޮޓްރިޗް އަދި އިތަމަރް ބެން-ގްވިރް ފަދަ ހައްދުފަހަނައަޅާފައިވާ ލީޑަރުން، އެއްވެސް ކަހަލަ އެއްބަސްވުމަކަށް ނުވަތަ މަޝްވަރާއަކަށް ދިއުމަށް ދެކޮޅުހަދާ، ނެތަންޔާހޫގެ މައްޗަށް ބާރުގަދަ ނުފޫޒެއް ފޯރުވަމުން ގެންދިޔައެވެ.
ނަތަންޔާހޫގެ އޮފީހުން މި ތުހުމަތުތައް ދޮގުކޮށް، ނިއުޔޯކް ޓައިމްސްގެ މި ލިޔުމަކީ އިސްރާއީލަށް އަބުރާބެހޭ ލިޔުމެއް ކަމަށް ބުނެފައިވެއެވެ. އަދި ހުރިހާ ސިޔާސީ އަދި އަސްކަރީ ނިންމުންތަކެއް ނިންމާފައިވަނީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށް ބުނެފައިވެއެވެ.