ދުނިޔެ
އިސްރާއިލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެެއިނުން ގޮވާލައިފި

ސްޕެއިންގެ ފޮރިން މިނިސްޓަރ ޚޯސޭ މެނުއެލް އަލްބަރެސް
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ފޮރިން މިނިސްޓަރ ޚޯސޭ މެނުއެލް އަލްބަރެސް ގޮވާލައިފިއެވެ.
މި ގޮވާލުން އައިސްފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުން އިސްރާއީލާ މެދު އަޅާނެ ފިޔަވަޅުތަކެއް މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.
އަލްޖަޒީރާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އަލްބަރެސް ވިދާޅުވިކަމަށް އަލްޖަޒީރާގައި ބުނެފައިވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކަށް ލޯ މަރާލައިގެން ތިބެވެން ނެތްކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ދެ ދައުލަތުގެ ޙައްލަށް ތާއީދުކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޕެއިންގެ ބަނދަރުތަކުގައި އިސްރާއީލަށް ހަތިޔާރު އުފުލާ އުޅަނދުފަހަރު މަޑުކުރުމުގެ ހުއްދަ ނުދޭކަމަށާއި، އިސްރާއީލަށް ހަތިޔާރު ވިއްކުން ވަގުތީގޮތުން ހުއްޓާލުމަށް ހުށަހަޅުއްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމާލުމަށް ގޮވާލައްވައި، ހޭގް ކޯޓާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ސްޕެއިން ޙުރުމަތްތެރިކޮށް ހިތާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުން މިހާރު މަޝްވަރާކުރަމުންދަނީ އިސްރާއީލާ މެދު އެޅިދާނެ 10 ފިޔަވަޅެއްގެ މައްޗަށެވެ. މީގެ ތެރޭގައި އިސްރާއީލާއެކު ވެފައިވާ އެއްބަސްވުން ހުއްޓާލުމާއި، ވިޔަފާރީގެ ގުޅުންތައް ހަނިކުރުމާއި، އިސްރާއީލީ ވަޒީރުންނަށް ދެކޮޅަށް ފިޔަވަޅު އެޅުމާއި، ހަތިޔާރުގެ އެމްބާގޯއެއް އެޅުމާއި، ވީޒާ ނުލައި ޔޫރަޕިއަން ޔޫނިއަނަށް ދަތުރުކުރުން ހުއްޓާލުން ހިމެނެއެވެ.
އައިރިޝް ސަރުކާރުން ވަނީ ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން އެންމެ ފުރަތަމަ ޤައުމެއްގެ ގޮތުގައި، ފަލަސްޠީނުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ހިންގާ އިސްރާއީލީ އާބާދީތަކާއެކު ވިޔަފާރިކުރުން މަނާކުރުމުގެ ޤާނޫނެއް ފާސްކޮށްފައެވެ. މި ފިޔަވަޅުތަކުގެ ދަށުން އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކޮށްފައިވާ ވަޢުދުތައް ތަންފީޒުކުރާ މިންވަރަށް ބަލައި، އިތުރު ފިޔަވަޅުތައް އެޅުމާމެދު ގޮތެއް ނިންމާނެއެވެ.