Ads by Stelco

ޚަބަރު

ގިރާވަރު ފަޅު ހިއްކުމުގެ އެއްބަސްވުން ބާތިލުކޮށް، މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަނީ

ގިރާވަރު ފަޅު ހިއްކުމުގެ އެއްބަސްވުން ބާތިލުކޮށް، މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަނީ

ގިރާވަރު ފަޅު ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖުލައި 2025، 10:49

15 ޖުލައި 2025، 10:49

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އެއްބަސްވުން ބާތިލުކުރަން ނިންމާފައިވަނީ، ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވެފައިވާތީއާއި ގިރާވަރުން ގޯތި ލިބޭ ފަރާތްތަކަށް އަވަހަށް ގޯތި ހަވާލުކުރުމަށްޓަކައެވެ.

މިކަން ހާމަކުރެއްވީ، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް، "އަހާ ފޯރަމް" ގައި އާންމު ރައްޔިތަކު ގިރާވަރުފަޅުން ގޯތިދިނުމުގެ މަސައްކަތާ ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ، ގިރާވަރުގެ ރައްޔިތުންނަށްވެސް ގުޅީފަޅުން ގޯތި ދޭ ގޮތަށް ވަރަށް އަވަހަށް ގޯތި ދޭން ޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ގޯތި ދިނުން ލަސްވެފައިވާ ސަބަބުތައް ވަޒީރު ތަފްސީލުކޮށްދެއްވިއެވެ.

ގިރާވަރު ފަޅު ހިއްކުމަށް އެއްބަސްވުން އެކުލަވާލާފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންޏާދެމެދުގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ގިރާވަރުފަޅު ހިއްކުމަށްޓަކައި ކުރީ ސަރުކާރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ދީފައިވެއެވެ. އަދި އިތުރަށް މަސައްކަތް ކުރުމަށްޓަކައި އިތުރަށް ފައިސާ ދިނުމަށް އެ ކުންފުނިން ޑިމާންޑް ކުރުމުން، އިތުރު 15 މިލިޔަން ޑޮލަރުވެސް ސަރުކާރުން އެކުންފުންޏަށް ދައްކާފައިވެއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވާއިރު، ހިއްކާފައި އޮތީ އެންމެ 60 ހެކްޓަރުގެ ބިންކަން ވަޒިރު ފާހަގަކުރެއްވިއެވެ.

ދެން އެފަރާތުން ޑިމާންޑް ކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް ޑިމާންޑްކުރާ އަދަދަށް ފައިސާ ދިނުމަށް. ޙަޤީގަތުގައި ބެލިބެލުމުން އެތަނުގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށް ވާވަރަށް  

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް


ވަޒީރު ވިދާޅުވީ، ގިރާވަރުން އަވަހަށް ގޯތިދިނުމަށްޓަކައި އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމާ ބަންޑާރަނައިބުގެ އޮފީހުން އެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއަށް ހައްލެއް ލިބިފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކުރީ ސަރުކާރުން އެގްރީމަންޓް ހަދާފައި އޮތީ ސަރުކާރަށް ވަރަށްބޮޑަށް ގެއްލުން ވާގޮތަކަށްކަން ފާހަގަކުރައްވާ، މިހާރުވެސް އެކުންފުންޏަށް 35 މިލިޔަން ޑޮލަރު ދީފައިވުމުން، ސަރުކާރުން މަސައްކަތް ކުރަނީ އިތުރަށް ބަދަލެއް ނުދީ އެއްބަސްވުން ބާޠިލްކުރެވޭނެ ގޮތަކަށް އެކަން ކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގެ ކުރިއަށް ބަލާއިރުވެސް އެ ކޮންޓްރެކްޓަރަކީ އަބަދުވެސް ކޮންޓްރެކްޓް ބާޠިލް ކުރުމުގެ ވިސްނުން ގެންގުޅޭ ކުންފުންޏެއް. ކޮންޓްރެކްޓް ބާޠިލްކުރުމަށްފަހު އާބިޓްރޭޝަން އަށް ގޮސްގެން ބޮޑެތި ބަދަލުތައް ހޯދާ. އަޅުގަނޑުމެން ވިސްނަންޖެހޭ އެގްރީމަންޓް ބާޠިލްކުރާއިރު އުޞޫލްގެ ތެރެއިން ވީހާވެސް ރަނގަޅަށް އެކަން ކުރުމަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ސަރުކާރުން ތައްޔާރުވަމުން ދަނީ ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރެވޭހާ އަވަހަކަށް ގިރާވަރުން ގޯތިދިނުމުގެ މަސައްކަތް ފެށުމަށްކަމަށެވެ.
ގިރާވަރުން ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމުން އެތަނުގެ ލޭންޑް ޔޫސް ޕްލޭން ރިވައިޒްކުރަންޖެހޭކަން ފާހަގަކުރައްވާ ވަޒިރު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިމުމުން ގިރާވަރުން ގޯތި ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށް ގޯތި ލިބޭ ތަންތަން ކަނޑައެޅުމަށްފަހު ރަޖިސްޓްރީ ހެއްދުމުގެ މަސައްކަތް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން