ޚަބަރު
ރާޅާއެޅުންތެރިންނަށް ވެފައިވާ ވަޢުދު ފުއްދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
މާލޭގައި ތަރައްޤީކުރަމުން އަންނަ ސާފިންގ ސްޓޭޑިއަމް
މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ތަރައްޤީކުރަމުން އަންނަ ނޭޝަނަލް ސާފިންގ ސްޓޭޑިއަމްގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މާލޭގެ ސާފިންގ ކޮމިއުނިޓީއަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ ވަސީލަތް ފުރިހަމަކޮށް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ްއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާޅާއެޅުންތެރިންނަށް ކޮންމެހެން ބޭނުންވެފައިވާ މި މުހިންމު އުމްރާނީ ވަސީލަތް ބިނާކުުރުމުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށެވެ. އަދި ހަމައެއާއެކު އެހެނިހެން ކުޅިވަރުތަކާއި ގުޅުންހުރި ކޮމިއުނިޓީތަކަށް ބޭނުންވާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ޤާއިމުކުރާ މި ސްޓޭޑިއަމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ރާޅާއެޅުމުގެ މުބާރާތްތަކާއި ބޮޑީބޯޑިންގ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ ފެންވަރަށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ސަޕޯޓަރުންނާއި ބެލުންތެރިންނަށް ޚާއްޞަ ސްޓޭންޑްތަކާއި، ރޮސްޓްރަމް، މީޑިއާ ޒޯން، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް އަދި ޖިމާއި މަލްޓިޕަރޕަސް ހޯލް ފަދަ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކަނޑުގެ ލޮނުގެ އަސަރުކޮށް ދަގަނޑު ހަލާކުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ކަމާބެހޭ އެސޯސިއޭޝަންތަކުގެ މަޝްވަރާއާއެކު މި ސްޓޭޑިއަމްގެ ޑިޒައިނަށް ފަހުން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން ދަގަނޑު އޮނިގަނޑަކަށް ހަދަން އޮތް ބައި ދޫކޮށްލުމަށްފަހު، މިހާރު މަސައްކަތް ކުރިއަށް ގެންދަނީ ކޮންކްރީޓް ސްޓްރަކްޗަރއެއްގެ ގޮތުގައި ޢިމާރާތުގެ ޖާގަވެސް ބޮޑުކޮށްގެންނެވެ.
މި ސަރުކާރުން ރާއްޖޭގެ އެކި ކުޅިވަރުތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ މައިދާނުގައި ކާމިޔާބީ ހޯދޭނެ ފަދަ ޒަމާނީ ކުޅިވަރު އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.