ދުނިޔެ
ޖޯޑަންއިން ޣައްޒާއަށް ފޮނުވި އެހީގެ ތަކެތި އިސްރާއިލްގެ ޔަހޫދީން ހިފަހައްޓައިފި

އެހީގެ ޓްރަކްތައް ހިފަހައްޓައި ހަމަނުޖެހުން ހިންގުމުގެ ތެރޭގައި އެހީގެ ތަކެތި ބަންޑުންވެ ހަލާކުވެފައި
ކާބޯތަކެއްޗާއި އެހީގެ އެހެނިހެން ތަކެތި ވަދެވޭނެ މަގުތައް ބަންދުކޮށްފައިވަނިކޮށް އިސްރާއިލްގެ އެލެންބީ ބްރިޖްގެ މަގުން ޖޯޑަނުން ޣައްޒާއަށް ފޮނިވި އިންސާނީ އެހީގެ މުދާ އުފުލާ ޓްރަކުތައް ހުއްޓުވުމަށް ގިނަ އަދަދެއްގެ ހައްދުފަހަނައެޅި އިޒްރާއިލްގެ ޔަހޫދީން މަސައްކަތްކޮށްފިއެވެ.
އިސްރާއީލުގެ މައަރިވް ނޫސް މެދުވެރިކޮށް އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، "އޯޑަރ 9 މޫވްމަންޓް" ގެ ހަރަކާތްތެރިންގެ ގޮތުގައި ބުނާ ބަޔަކު ޖޯޑަނުން އެލެންބީ ބްރިޖް މެދުވެރިކޮށް ޣައްޒާއަށް ދަތުރުކުރަމުންދާ އެހީގެ ޓްރަކުތައް ހުއްޓުވަމުން ދާކަމަށެވެ.
"އޯޑަރ 9 މޫވްމަންޓް" އަކީ ނެގެވްގައި ހުންނަ ނެޓިވޯޓް އާބާދީގައި ދިރިއުޅޭ ރިއޫޓް އަދި ޔޫސުފް ބެން ހައިމް ކިޔާ ދެ މީހުން އުފައްދާފައިވާ ހަރުކަށި ކަނާތު ފިކުރުގެ ޖަމާއަތެކެވެ.
މި ހަރުކަށި ޖަމާއަތުން ބުނާ ގޮތުގައި ޣައްޒާގައި ހައްޔަރުކޮށްފައި ތިބި އިސްރާއީލުގެ އެންމެފަހު މީހާ ދޫކޮށްނުލާހާ ހިނދަކު އެއްވެސް އެހީއެއް ނުދޭނެއެވެ. އިސްރާއީލު ހަޔޯމް ނޫހުން ބުނާ ގޮތުގައި ޣައްޒާގައި ހައްޔަރުކޮށްފައި ތިބި އިސްރާއީލު މީހުންގެ އާއިލާތަކުގެ ގިނަ ބަޔަކު، އޯޑަރ 9 މޫވްމަންޓްގެ މެންބަރުންނާއެކު ގުޅިގެން، ސަތޭކަ އެތައް ޓްރަކެއްގައި އެހީގެ މުދާ އުފުލައިގެން ޣައްޒާއަށް ދިޔުމަށް ހަމަޖެހިފައިވާ ޤާފިލާއެއް ހުއްޓުވާފައިވެއެވެ.
އިސްރާއީލުގެ އިހުތިޖާޖުކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ ހަމައެކަނި ފެށުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހަމާސްއަށް އެހީ ފޯރުކޮށްދޭ އިތުރު މަގުތަކުގައިވެސް މިފަދަ އިހުތިޖާޖުތައް ފެތުރިގެންދާނެ ކަމަށެވެ.
18 އަހަރު ވަންދެން އިސްރާއީލުން ޣައްޒާ ޚިޞާރު ކޮށްފައިވާއިރު މިކަމުގެ ސަބަބުން، ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން 1.5 މިލިއަން މީހުން މިހާރު ވަނީ ގޭގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ. އދ.ގެ އަންރުވާ އިން އާދީއްތަ ދުވަހު އެކްސް މެދުވެރިކޮށް އިންޒާރު ދީފައިވަނީ، އިސްރާއީލުން އިންސާނީ އެހީ ވަނުން ހުއްޓުވުމުގެ ސަބަބުން މާރިޗު މަހުން ފެށިގެން ޣައްޒާގައި ކާބޯތަކެތި މަދުވެ ބަނޑުހައިހޫނުކަން އިންތިހާއަށް ގޮސްފައިވާކަމަށެވެ.