ދުނިޔެ

ކޮރަޕްޝަންގެ ދަޢުވާތަކަށް ޖަވާބުދާރީވުމަށް ނަތަންޔާހޫ އަނެއްކާވެސް ކޯޓަށް ހާޒިރުވެއްޖެ

ކޮރަޕްޝަންގެ ދަޢުވާތަކަށް ޖަވާބުދާރީވުމަށް ނަތަންޔާހޫ އަނެއްކާވެސް ކޯޓަށް ހާޒިރުވެއްޖެ

ބެންޖަމިން ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2025، 08:16

14 ޖުލައި 2025، 08:16

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ތެލް އަވީވްގެ މަރުކަޒީ ކޯޓަށް ހާޒިރުވެ، އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ދަޢުވާތަކަށް ޖަވާބުދާރީވެއްޖެއެވެ. 

މިއީ އެއް މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމަށްފަހު ބޭއްވުނު އަޑުއެހުމެކެވެ.

އިސްރާއިލްގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނެފައިވާ ގޮތުގައި، މިއަދުގެ އަޑުއެހުމުގައި "ކޭސް 1000" އާ ގުޅޭ ގޮތުން ނަތަންޔާހޫއާ ސުވާލުކުރެވުނެވެ. އަދި ނެތަންޔާހޫ އޭނާގެ މައްޗަށް ކުރެވިފައިވާ ދަޢުވާތައް އަނެއްކާވެސް ދޮގުކޮށްފައިވެއެވެ.

މިހާތަނަށް 35 އަޑުއެހުމެއްގައި ނަތަންޔާހޫ އޭނާގެ ދިފާޢީ ވަކީލުންގެ ސުވާލުތަކަށް ޖަވާބުދާރީވެ، ކޯޓަށާއި އޭނާގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކާ މެދު އޭނާގެ މައުގިފު ސާފުކޮށްދިނުމަށް މަސައްކަތްކޮށްފައިވެއެވެ. "ޔިސްރާއެލް ހަޔޯމް" ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި މިއަދުގެ އަޑުއެހުމަކީ ޕްރޮސިކިއުޓަރުންގެ ސުވާލުތަކަށް ނެތަންޔާހޫ ޖަވާބުދާރީވި ފަސްވަނަ އަޑުއެހުމެވެ.

ނަތަންޔާހޫގެ މައްޗަށް ރިޝްވަތު، މަކަރާއި ހީލަތް އަދި ވަޢުދާ ޚިލާފުވުމުގެ ދަޢުވާތައް ކުރެވިފައިވެއެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ އޭނާ ޖަލަށް ލާންޖެހިދާނެއެވެ. "ކޭސް 1000" ގައި ނެތަންޔާހޫ އާއި އޭނާގެ އާއިލާގެ މެންބަރުން މުއްސަނދި ވިޔަފާރިވެރިންގެ ކިބައިން އަގުބޮޑެތި ހަދިޔާތައް ބަލައިގަތުމަށްފަހު، އެ ފަރާތްތަކަށް އެކި ދާއިރާތަކުން ފަސޭހަތަކާއި އެހީތެރިކަން ފޯރުކޮށްދިންކަމަށް ތުހުމަތުކުރެވެއެވެ.

ހަފްތާއަކު ދެ ފަހަރު ގަޑިއިރުތަކެއް ވަންދެން ނަތަންޔާހޫ ކޯޓަށް ހާޒިރުވާންޖެހެއެވެ. އަންނަ ހަފްތާގައި ކޯޓުތަކުގެ ކުރިއަށް އޮތް ހޫނުމޫސުމުގެ ޗުއްޓީ ފެށުމަށް ހަމަޖެހިފައިވާއިރު، މި މައްސަލައިގެ އަޑުއެހުންތައް އެ މުއްދަތުގައި ކުރިއަށްދާނެކަން އަދި ކަށަވަރެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން