ދުނިޔެ
އިސްރޭލުގެ ޖަލުގައި ހުރި ޑރ. ހުސާމް އަބޫ ސަފިއްޔާގެ ޞިއްޙީ ޙާލަތު ދަށަށް

ޑރ. ހުސާމް އަބޫ ސަފިއްޔާ
ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރު، ޑރ. ހުސާމް އަބޫ ސަފިއްޔާގެ ސިއްހީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުން ފެށިގެން އިސްރޭލުގެ ބަންދުގައި ހުރި ޑރ. ހުސާމްގެ ހަށިގަނޑުގެ ބަރުދަނުން 40 ކިލޯ ލުއިވެފައިވާކަމަށް ބުނެފައިވެއެވެ.
ޑރ. ހުސާމްގެ ވަކީލު ދެއްވި މައުލޫމާތުގައިވާ ގޮތުން، އޭނާއަށް ބޭނުންވާ ފަރުވާ ގަސްތުގައި ދެމުން ނުގެންދާ ކަމަށާއި، ތަހުޤީޤުގެ ތެރޭގައި އަނިޔާކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ޑރ. ހުސާމްގެ ލޭގެ ޕްރެޝަރު މަތިވެފައިވާ ކަމަށާއި، ހިތުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށްވެސް ވަކީލު ފާހަގަކުރައްވާފައިވެއެވެ.
އިސްރޭލުގެ ޖަލުތަކުގައި ތިބި މެޑިކަލް ސްޓާފުން ދަނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 360 އަށްވުރެ ގިނަ މެޑިކަލް މުވައްޒަފުން ވަނީ ހައްޔަރުކޮށްފައެވެ.
2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އިސްރޭލުގެ މީޑިއާއިން ފުރަތަމަ ފަހަރަށް ދައްކާލި ވީޑިއޯއެއްގައި، ޑރ. ހުސާމް ފެނިފައިވަނީ އަތާއި ފައިގައި ބިޑި އަޅުވާފައި، ވަރަށް ބޮޑަށް ވަރުބަލިވެ ހުރި ހާލުގައެވެ. އޭނާއަކީ "ޣައިރު ޤާނޫނީ ހަނގުރާމަވެރިއެއް" ގެ ގޮތުގައި ކަނޑައަޅައި، 6 މަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އިސްރޭލުގެ ކޯޓަކުން ވަނީ ނިންމާފައެވެ.
ޑރ. ހުސާމްގެ ދަރިފުޅު އިބްރާހީމް ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު އިޒްރޭލު ސިފައިން ހޮސްޕިޓަލަށް ވަދެގެން ހިންގި ހަމަލާއެއްގައި ޝަހީދުވެފައެވެ. އަދި ނޮވެމްބަރު 24 ވަނަ ދުވަހު ހޮސްޕިޓަލަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޑރ. ހުސާމްއަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އޭނާ ވަނީ ހޮސްޕިޓަލް ދޫކޮށް ދިއުމަށް އިންކާރުކޮށް، ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދިނުން ކުރިއަށް ގެންގޮސްފައެވެ.