ދުނިޔެ
ނައިޖީރިޔާގެ ތާރީޚްގައި މިނިވަން އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސް މުޙައްމަދު ބޫހާރީ އަވަހާރަވެއްޖެ

ނައިޖީރިޔާގެ ކުރީގެ ރައީސް މުޙައްމަދު ބޫހާރީ
އެފްރިކާ ބައްރުގެ އެންމެ އާބާދީ ބޮޑު ޤައުމު ކަމުގައިވާ ނައިޖީރިޔާގެ ކުރީގެ ރައީސް މުޙައްމަދު ބޫހާރީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި އަވަހާރަވެއްޖެ ކަމަށް ނައިޖީރިޔާ ސަރުކާރުން އިޢުލާނުކޮށްފިއެވެ. އުމުރުފުޅުން 82 އަހަރުގައި އަވަހާރަވެފައި ވަނީ، އާލާސްކަންފުޅަކަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ. ބޫހާރީ ވަނީ 2015ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ދެމެދު ނައިޖީރިޔާގެ ރައީސްކަން ކުރައްވާފައެވެ.
ބޫހާރީ އަވަހާރަވިކަން އިޢުލާނު ކުރައްވާފައި ވަނީ ނައިޖީރިޔާގެ މިހާރުގެ ރައީސް ބޮއްލާ ޓީނޫބޫގެ ތަރުޖަމާނެވެ. ބޫހާރީ ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ އޭނާގެ އުފަން ރަށް ކަމުގައިވާ ނައިޖީރިޔާގެ ހުޅަނގުއުތުރު ސްޓޭޓް، ކެޓްސީނާގައެވެ. ޓީނޫބޫގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ބޫހާރީގެ ހަށިކޮޅާ ޙަވާލުވެ ވަޑައިގެންނެވުމަށް ނައިބު ރައީސް ކާޝީމް ޝެއްތީމާ ލަންޑަނަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
ބޫހާރީ ވެރިކަމަށް ވަޑައިގެންފައި ވަނީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މަގާމަކަށެވެ. އޭނާއަކީ، މިނިވަން އިންތިޚާބެއްގައި ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި ނައިޖީރިޔާގެ ފުރަތަމަ ރައީސް ވެސްމެއެވެ. 2015ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގުޑްލަކް ޖޮނެތަންގެ މައްޗަށް ކުރި ހޯއްދަވައި، ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވިއެވެ. އެ އިންތިޚާބަކީ، މިހާތަނަށް ނައިޖީރިޔާގައި ބާއްވާފައިވާ އެންމެ މިނިވަން، އަދި އިންސާފުވެރި އިންތިޚާބުގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ. އޭގެ ކުރިން، 1980ގެ އަހަރުތަކުގެ ތެރޭގައި ހިންގި އަސްކަރީ ބަޣާވާތަކަށް ފަހު ވެސް ބޫހާރީ ވަނީ ނައިޖީރިޔާގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންފައެވެ. އެއަށް ފަހު އޭނާ ވަނީ ޑިމޮކްރެޓިކް އުސޫލުތައް އިސްކުރައްވައި، އަސްކަރިއްޔާއިން ވަކިވެ ވަޑައިގަންނަވާފައެވެ.
ރައީސްކަމުގައި ބޫހާރީއަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އޭގެ ތެރޭގައި ނައިޖީރިޔާގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް ކުރެއްވި މަސައްކަތްތައް ހިމެނެއެވެ. ނަމަވެސް، ބޯކޯ ހަރާމް ފަދަ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަރަކާތްތައް އެ ޤައުމުގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި އަދިވެސް ހުއްޓިފައެއް ނުވެއެވެ. ހަމައެހެންމެ، ހުޅަނގުއުތުރާއި އިރުދެކުނުގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ކޮންޓުރޯލުގެ ދަށުގައެވެ. މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް، ކޮރަޕްޝަން ނައްތައިލުމަށް އޭނާ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން، ތެލުގެ އަގު ވެއްޓި، ތެލުގެ ވިޔަފާރިއަށް ބަރޯސާވެފައިވާ ނައިޖީރިޔާގެ އިޤުތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް އޭނާއަށް ހުރަސްތަކެއް ކުރިމަތިވިއެވެ. މި ގޮންޖެހުންތަކާ އެކުގައި ވެސް ބޫހާރީ ވަނީ 2019ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައި، ވެރިކަން ދަމަހައްޓަވާފައެވެ.
ބޫހާރީއަކީ ޚުދުމުޚްތާރު ވެރިއެއްގެ ގޮތުގައި ސިފަކުރާ ފަރާތްތައް ވެސް މަދެއް ނޫނެވެ. އަދި، އެ ކަމާ ގުޅުވައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ވަނީ އޭނާގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައެވެ. މި ގޮތުން، 2020ވަނަ އަހަރު ފުލުހުންނާ ދެކޮޅަށް އަޑުއުފުލަށް ބޭއްވި މުޒާހަރާތަކެއްގެ ބައިވެރިންނަށް ޙަމަލާ ދިނުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔެއްގެ ތާޢީދު އޭނާއަށް ގެއްލުނެވެ.
ބޫހާރީ އުފަންވެ ވަޑައިގަތީ 1942ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17ވަނަ ދުވަހުއެވެ. ނައިޖީރިޔާގެ އަސްކަރިއްޔާއާ އޭނާ ގުޅިވަޑައިގަތީ އުމުރުފުޅުން 19 އަހަރުގައެވެ. އޭނާ އެންމެ ފަހުން އަދާ ކުރައްވާފައި ވަނީ މޭޖަރ ޖެނެރަލްގެ މަޤާމެވެ. އަސްކަރީ ބަޣާވާތަކުން އޭނާ ވެރިކަން ފޭރިގަންނަވާފައި ވަނީ 1983ވަނަ އަހަރުއެވެ. އަދި، އެއަށް ފަހު ކުރައްވާފައި ވަނީ އަސްކަރީ ވެރިކަމެކެވެ. ނަމަވެސް، ނައިޖީރިޔާގެ އިޤުތިޞާދީ ކުރިއެރުން ހޯއްދަވައިދެއްވުމުގެ މޭސްތިރިއަކީ އޭނާ ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.